މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން މިވަގުތު ކުރިއަށްގެންދާ މަޝްރޫއުތަކާއި، ގުޅުންހުރި މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ ހިއްސާކުރައްވައިފިއެވެ.

މިއަދުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމްޓީސީސީން ކުރިޔަށްގެންދާ މަޝްރޫއުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމުގައި، އެމްޓީސީސީން މިވަގުތު ކުރިއަށްގެންދާ މަޝްރޫއުތަކާއި ގުޅުންހުރި މައުލޫމާތުތައް ރައިސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައި ވާއިރު، މި މަޝްރޫއުތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުއާ ހދ. ހަނިމާދޫ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫއުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ މަޝްރޫއުތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައި ވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އަދި މަޝްރޫއުތައް ކުރިއަށްގެންދާއިރު ފެންވަރު ހިފެހެއްޓުމާއެކު ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަމާލުކަން ދީގެން މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަޤީންކަން އެކުންފުނީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދެއްވާފައިވާކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން ބައިވެރިވަޑައިގެންނެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލައް ސިޓީ އަދި ހަނިމާދޫ ދާއިރާގެ މެންބަރުންނެވެ.