މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއެކު ހުއްޓާލާފައިވާ އޭއެފްސީ ކަޕް ފުޓުބޯޯޅާ މުބާރާތުގައި ރާއްޖޭގެ ދެޓީމު ހިމެނޭ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅުމަށް އެފްއޭއެމުން ބިޑުކޮށްފިއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް އޮކްޓޯބަރުގައި އަލުން ފަށާއިރު ކޮންމެ ގްރޫޕެއްގެ މެޗުތައް އެއް ދަނޑެއްގައި ކުޅުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި މެޗުތައް ކުޅުމަށް އެފްއޭއެމުން ބިޑުކުރިކަން ހާމަކުރައްވާފައިވަނީ އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓަކުންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 13 ދުވަހުގެ ތެރޭގައެވެ. އެއީ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދުގައެވެ. މި ދުވަސްތަކުގެ ތެރޭގައި ގްރޫޕްސްޓޭޖުގެ ހުރިހާ މެޗެއް ކުޅޭނެއެވެ.

ރާއްޖެއިން ބިޑުކޮށްފައިވަނީ އޭއެފްސީން ހުޅުވާލި ފުރުސަތުގައި ސަރުކާރުގެ އިސްފަރާތްތަކާއި ކުޅިވަރާބެހޭ ވުޒާރާއާއި މަޝްވަރާކުރުމަށްފަހުގައެވެ.

ބިޑުކުރިކަން އިއުލާނުކޮށް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބޭއްވުމަށް ރަސްމީކޮށް ބިޑް ކޮށްފައިވާ ކަމަށާއި، މެޗުތައް ރާއްޖޭގައި ބޭއްވުމަށް ބިޑްކުރުމުގެ މަސައްކަތުގައި ސަރުކާރާއި ކުޅިވަރާބެހޭ ވުޒާރާގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

މިފަހަރުގެ އޭއެފްސީ ކަޕަކީ ރާއްޖެއަށް ތާޜީހީ މުބާރާތެކެވެ. އެއީ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެޓީމެއް ހިމެނުމުންނެވެ. އަދި ސަރަހައްދުގެ ނުފޫޒުބޮޑު އިންޑިއާގެ ޓީމެއް ބަލިކުރުމަށްފަހު ރާއްޖޭގެ ޓީމެއް ގްރޫޕްސްޓޭޖުން ޖާގަ ހޯދުމުންނެވެ.

އެއާއެކު އަމިއްލަ ގައުމުގައި މިގްރޫޕުގެ މެޗުތައް ކުޅުން ވެގެންދާނީ ރާއްޖޭގެ ދެޓީމަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރަކަށެވެ.

ރާއްޖޭގެ މާޒިޔާ އާއި ޓީސީގެ އިތުރުން ދެން ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އާއި އިންޑިއާގެ ޗެންނާއި ސިޓީއެވެ.

އަލަށް އެކުލަވާލި ޝެޑިއުލް؛

މާޒިޔާ - ބަޝުންދުރާ / ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)

މާޒިޔާ - ޓީސީ / ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)

ޓީސީ - މާޒިޔާ / ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)

މާޒިޔާ - ޗެންނާއީ / ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

ޓީސީ - ބަޝުންދުރާ / މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)