ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާލުމަށް އިދިކޮޅު ކޯލިޝަނުން ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އެދެފިއެވެ.

އިދިކޮޅު ކޯލިޝަނުން ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި އެދިފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަސައްކަތް ފަށާ ގާތްގަނޑަކަށް ނިމުމާ ހަމައަށް ގޮސްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވާ ބޭނުންކުރުން ލަސްވަމުންދާތީ ރައްޔިތުންގެ ފަރާތުން އެކަމުގެ ކަންބޮޑުވުންތަކެއް ހުރުމާގުޅިގެން އެ މިސްކިތުގެ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލާލުމަށެވެ.

އަދި ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެކު އެކޯލިޝަންގެ 20 ބޭފުޅަކަށް މިސްކިތަށް ޒިޔާރަތްކޮށް މިސްކިތުގެ މަސައްކަތްތައް ހިންގަމުންދާ ގޮތް ބަލާލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް ކޯލިޝަނުން ވަނީ މިނިސްޓަރުގެ އަރިހުން އެދިފައެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް އަޅުމުގެ މަޝްރޫއު އިފްތިތާހްކުރީ 24 ފެބްރުއަރީ 2016 ގައެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް "ކިންގް ސަލްމާން" ގެ ނަމުން ނަންދެވިފައިވާ މިމިސްކިތަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސައުދީ ސަރުކާރުގެ އަޅާދޭން ނިންމި މިސްކިތެކެވެ.

ހަ ފަންގިފިލާގެ މިމިސްކިތުގައި ކުތުބުހާނާއަކާއި، ގުރްއާނާއބެހޭ މަރުކަޒަކާއި، މަލްޓި-ޕާރޕަސް ހޯލަކާއި، ކިލާސްރޫމްތަކާއި، ޖަލްސާކުރާ މާލަންތައް ހިމެނެއެވެ.