އޮސްޓްރޭލިއާގެ ދެވައަށް އެންމެ ބައިބޯ ސްޓޭޓްކަމަށް ވިކްޓޯރިއާގައި ފޭސް މާސްކް އެޅުން މަޖުބޫރުކުރަން ނިންމައިފިއެވެ.

ވިކްޓޯރިއާ ސްޓޭޓްގައި ގެއިން ބޭރަށް ނުކުންނަ އެންމެން މާސްކް އަޅަންޖެހޭ ގޮތަށް ސްޓޭޓް ސަރުކާރުން މިނިންމީ، ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފެށުމާ ގުޅިގެންނެވެ.

ވިކްޓޯރިއާ ސްޓޭޓްގައި ހޮނިހިރު ދުވަހު 217 މީހުން ޕޮޒިޓިވްވިއިރު، އެ އަދަދު މިއަދުވަނީ 363 އަށް މައްޗަށް ގޮސްފައެވެ.

ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާއިރު، މިޖުލައިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ވިކްޓޯރިއާ ސްޓޭޓްގައިވަނީ އާންމުންގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައްވެސް އަޅާފައެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް 5 މިލިއަން މީހުންނަށް އެކަމުގެ އަސަރުކޮށްފައި ވެއެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ވެރިޔާ ޑެނިއަލް އެންޑްރޫސް ވިދާޅުވީ، މެލްބަރން ސިޓީއާއި، މިޝެލް ޝާރގައި އާންމުން ގެއިން ބޭރަށް ނުކުންނައިރު މާސްކް އަޅަން މަޖުބޫރުކުރަން ނިންމާފައިވާ ކަމަށާއި، އެ ނިންމުމަށް އަމަލުކުރަން ފެށުމުން، މާސްކް ނާޅާމީހުން 200 އޮސްޓްރޭލިއާ ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މެލްބަރން ސިޓިއަކީ ވިކްޓޯރިއާ ސްޓޭޓްގެ ވެރިރަށެވެ. ބަލީގެ ހާލަތު ގޯސްވާން ފެށުމާ ގުޅިގެން މެލްބަރންވެސް އޮތީ އަލުން ލޮކްޑައުން ކޮށްފައެވެ.

މުޅި އޮސްޓްރޭލިއާއަށް ބަލާއިރު، މިހާތަނަށް 11،802 މީހުން ޕޮޒިޓިވް ވެފައިވާއިރު، ބަލީގައި މަރުވެފައިވަނީ 122 މީހުންނެވެ.