މުޖުތަމައުއަށް ފައިދާހުރި، ހަރުދަނާ ގާބިލް ޒުވާނުންތަކެއް ވާޒީފާގެ މާހައުލަށް ނެރުމަށްޓަކައި ސްޓެލްކޯއިން ކުރިޔަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ ފަރާތްތަކަކުން ކުރިމަތިލިނަމަވެސް، އިންޖީނިއަރިންގ އާއި ބިޒްނަސްގެ ދާއިރާއިން ކުރިޔަށް ދިއުމަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އޭގެތެރެއިން ޝަރުތުހަމަވާ އަދި ކުންފުންޏާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި 9 ޒުވާނަކަށް ކަމަށެވެ.

5 މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމަކީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސްޓެލްކޯގެ މަސައްކަތްތައް ދަސްކުރަން ބޭނުންވާ ޒުވާނުންނަށް އެކަމަށް ބޭނުންވާ ތަމްރީނު ދިނުމަށާއި، މުޖުތަމައުއަށް ފައިދާހުރި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި ހިންގާ ޕްރޮގްރާމެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ދެއްކެވި ވާހަކައިގައި، މިދިޔަ އަހަރުގެ އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ސްޓެލްކޯ ހޮވިފައިވާކަން ފާހަގަކޮށް، ރައްޔިތުންނާއި ސީދާ ގުޅުންހުރި މުހިންމު މަސައްކަތްތަކެެއް ކުރާ ސްޓެލްކޯފަދަ ބޮޑު ކުންފުންޏެއްގައި މަސައްކަތްކޮށް، ތަޖުރިބާތަކެއް ލިބިގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ޒުވާނުން ވިސްނަންވީ ކަމަކީ ތައުލީމުން އެކަނި ދިރިއުޅުމުގެ ކާމިޔާބީއެއް ހާސިލްނުވާނެ ކަމަށްކަން މުޣުނީ ވިދާޅުވިއެވެ.

އެކަމަށް ބޭނުންވާ ތަޖުރިބާ ތަނުގެ ވެރިންގެ ކިބައިން ލިބުމުގެ ފުރުސަތު މިއަދު ހުޅުވިގެންދިޔައީ ކަމަށާއި، ކާމިޔާބު މީހަކަށް ވުމަށްޓަކައި، ގަދައަޅާ މަސައްކަތްކޮށް، ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ކަމަށް ކަމޭހިތައިގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބިގެންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއްދޭން ވަނީ ނިންމާފައެވެ.

އަދި އެޕްރެންޓިސްޝިޕް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުސަތުވެސް ހަމަޖެހިގެން ދާނެއެވެ.