• މި ދަނޑުގައި ރޭގަނޑުވެސް ކުޅެވޭގޮތަށް ލައިޓިން ސިސްޓަމެއް ވަނީ ހަރުކޮށްފައި
  • މި ދަނޑު ކުރިން ހަވާލުކޮށްފައިވަނީ އެމްއާރުޑީސީއާ
  • މި ދަނޑުގެ މަސައްކަތް ނިންމާފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މ. ނާލާފުށީގައި ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑަކީ ކުރީ ސަރުކާރުން މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމް.އާރް.ޑީ.ސީ) އާއި ހަވާލުކޮށް މަސައްކަތް ނުފަށާ އޮތް ރަށެކެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިފަދަ ދަނޑުތައް ނިންމުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ނާލާފުށި ދަނޑުގެ މަސައްކަތް 21 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ.

މި ދަނޑުގައިވަނީ ރޭގަނޑު ކުޅެވޭގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި ދަނޑުގެ ޑްރޯން ފޮޓޯއެއް ޓްވީޓް ކުރައްވައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިދަނޑަކީވެސް ދެޖިންސުގެ ޒުވާނުން އެކި ކުޅިވަރުތަކަށް ބޭނުންކުރާނެ ދަނޑެއް ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަދި މިދަނޑުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ނާލާފުށި ޒުވާނުންނާއި، ކައުންސިލް އަދި އެރަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހީމް ނަސީރު ދެއްވި އެއްބާރުލެއްވުމަށް މިނިސްޓަރ މަޙްލޫފް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިޔަށްދާއިރު ކުރިއާއި ހިލާފަށް މިހާރު އަޅާ ދަނޑުތަކަކީ ފެންވަރު ރަނގަޅު ދަނޑުތަކެއް ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.