މިއަހަރުގެ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ، ފާއިތުވި 2019 ވަނަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު، 82.7 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކޮށްފި އެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 276.04 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 82.7 އިންސައްތައިގެ ދައްވުމެއްކަން މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޑޮލަރުން އާމްދަނީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 7.4 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ޖޫން މަހު 61 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވެއެވެ.

މިދިޔަ މަހުގެ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމާއެކު ޓެކްސް ދެއްކުމުގެ ސުންގަޑިއަށް ގެނައި ބަދަލާއެކު އެވެ.

ދައުލަތަށް އާމްދަނީ ލިބޭ ހުރިހާ ދާއިރާއަކުން އާމްދަނީ ދަށްވެފައިވާކަން މީރާގެ ރިޕޯޓުން ހާމަވެއެވެ. އެގޮތުން އެންމެ ބޮޑަށް ދަށްވެފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 132 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ޖީއެސްޓީގެ ގޮތުގައި 504 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު ތިން މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ޖޫން މަހު 56 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި އަހަރު އިންކަމް ޓެކްސްގެ ގޮތުގައި ޖޫން މަހު ލިބިފައި ވަނީ 33 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި ޖޫން މަހު ލިބިފައި ވަނީ 4.3 މިލިއަން ރުފިޔާ އެވެ.

ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށްވިއިރު، މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. މެއި މަހުގެ އާމްދަނީ ވަނީ 81 އިންސައްތަ ދަށްވެފަ އެވެ. މެއި މަހު އާމްދަނީގެ ގޮތުގައި ލިބުނީ 206.28 މިލިއަން ރުފިޔާ އެވެ.