ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި 4525 މީހަކަށް ދައުލަތުން، 18.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ޢާންމުކޮށްފައިވާ" އިންކަމް ސަޕޯޓް" ރިޕޯޓުގައި ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 4525 މީހަކަށް 18.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި އެލަވަންސް ދޭން ނިންމާފައި ވަނީ އެޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށެވެ. މިގޮތުން ދޭން ކަނޑައަޅާފައިވަނީ 5000ރ. އާ ހަމައަށެވެ. އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވްއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މި އުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.

ސަރުކާރުގެ އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު ދޫކުރަން ނިންމާފައިވާއިރު، މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ.