މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ކުރިއަށްގެންދަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ރިހެބިލިޓޭޝަން ފްރޭމްވޯރކްގެ ތެރެއިން އެކި މަރުހަލާތަކުގައި ޤައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޚިދުމަތް ޤައިދީންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމް ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލުމަށްފަހު އޮންލައިންކޮށް ކުރިއަށްގެންދަން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރިހެބިލިޓޭޝަންގެ މިޕްރޮގްރާމްގެ ދަށުން މިހާތަނަށް ދީނީގޮތުން ކަންކަން އޮޅުންފިލުވައިދިނުމުގެ 12 ޕްރޮގްރާމެއް ކާމިޔާބުކަމާއެކު މިހާތަނަށް ކުރިއަށް ގެންދެވިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް މިމަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 11:00 އަށް ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި ޤައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިގޮތަށް ކުރިއަށްގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ ޢަޤީދާއާއި ފިޤްހާއި މުޢާމަލާތާއި އަޚްލާޤު ބައިތައް ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕުރޮގުރާމަކީ ދިވެހިރާއްޖޭގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ޙަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕުރޮގުރާމެކެވެ.

މި ޕުރޮގްރާމު ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޙުކުމް ތަންފީޛު ކުރުމަށް ޖަލުގައި ބަންދުކުރެވޭ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމުގެކުރިން އެމީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް ހެދުމާއި، އެމީހުން މުޖުތަމަޢުއަށް ނިކުތުމަށްފަހުގައި އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާނެ ޢިލްމާއި ފަންނާއި ހުނަރު ދަސްކޮށްދިނުމެވެ.