ދިވެހިރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާުލުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވިއަންގެ ފްލައިޓުތަކުން މިހާތަނަށް 4,581 ބަންގްލަދޭޝް މީހުން ފޮނުވާލެވިފައި ވާކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަފްތާއެއްގެ މައްޗަށް 400 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

އެގޮތުން މިއަދުވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ 199 ބިދޭސީންނާއެކު މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ޑާކާއަށް ދަތުރުކޮށްފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަންއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިއަދު ފްލައިޓުން 199 މީހުން ފުރުވާލެވުމާއެކު ބަންގްލަދޭޝްއަށް ނިސްބަތްވާ 4،581 މީހަކު މިހާތަނަށް ފުރުވާލެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އައިސްއުޅޭ ބިދޭސީންގެ އަދަދު 60 ހާހަށްވުރެ މައްޗަށް އަރާއިރު މިމީހުންގެ ތެރޭގައި ގަވައިދާއި ހިލާފަށް އެތައް ބިދޭސީންނެެއް އުޅެއެވެ.

އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ތަންތަނުގެ ތޮއްޖެހުން ކުޑަކުރުމަށް، ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

މިގޮތަށް ފޮނުވާލާ މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.