ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިންގ ސެންޓަރެއް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާއާއި ޔުނިވަރސިޓީގެ އިސްވެރިން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީއާ މިއަދު ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީން ރ. އުނގޫފާރުގައި ހުންނަ އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރެއް ޤާއިމުކުރުމާ ބެހޭގޮތުންނާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާ ބެހޭގޮތުންނާ އަދި ކިންގ ސަލްމާން މިސްކިތުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމށެވެ. މިމަސައްކަތްތަކުގެ ތެރޭގައި ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިން ސެންޓަރެއް ޤާއިމްކުރުން ފާހަގަކުރެއްވިއެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ މިކަމަކީ އަތޮޅުތަކުގައި ތިބޭ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދިނުމަށް އިތުރު މަގެއް ފަހިވެގެންދާނެ ކަމެއްކަމުގައެވެ. އަދި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގުމާއި އަދި ކިންގް ސަލްމާން މިސްކިތުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އަދާކުރެވިދާނެ ދައުރަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިސްކިތްތަކުގެ އިމާމުން ތަމްރީނުކުރުމަށް މިނިސްޓްރީން ނިންމާފައިވުމާއެކު، އިމާމުން ޑިގްރީ ފެންވަރަށް އައިޔޫއެމްގައި ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ މަސައްކަތަކުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާކަންވެސް ޑރ. ޒަކަރިއްޔާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މިފަދަ ތަމްރީނުތަކަށް އައިޔޫއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރަށް އަރުވަފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް އިސްލާމީ ޔުނިވަރސިޓީއަކީ ވަރަށް މުހިއްމު ތަނެއްކަމުގައެވެ. މިގޮތުން އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި އައިޔޫއެމްގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދާ އެއްބާރުލުންވެސް ފާހަގަކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.