ފެނާއި ނަރުދަމާގެ ބިލު ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކޮށްފިއެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމާއި އެ ހިދުމަތްތައް ކަނޑާލުމުގައި ނިކަމެތިންނަށް ލުއިގޮތްތަކެއް އިންތިޒާމް ކުރުމަށް ކަނޑައަޅައި ފެނާއި ނަރުދަމާގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 67 މެމްބަރުންގެ ވޯޓުންނެވެ.

މިބިލުގައި ވަނީ ހިދުމަތް ދިނުމުގައި މި ގާނޫނުގެދަށުން ކަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތުގެމަތިން ގާނޫގައި ބުނެފައިވާ ފަގީރުންގެ ދަފްތަރު އެކުލަވައިލާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.

މި ބިލުގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ދޭންޖެހޭ ގޮތާއި އެހިދުމަތްތައް ދޭން ޖެހޭނެ ފަަރާތްތަކާއި، އެ ހިތުމަތުގެ ފެންވަރާއި، އެ ހިދުމަތަށް އަގު ނަގާނެ ގޮތްތައް ވަނީ ބަޔާން ކޮށްފައެވެ.

ހިދުމަތަށާއި ވަސީލަތްތަކަށް ގެއްލުން ލިބޭގޮތަށް ކަންތައްތައް ކުރާ ފަރާތްތަކަށް ބޮޑެތި އަދަދުން ޖޫރިމަނާ ކުރަންވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކަށް އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ޚިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުމުގެ އިތުރަށް ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުމަށް ވަނީ ލާޒިމުކޮށްފައެވެ.

އަދި ފެނާއި ނަރުދަމާގެ ޚިދުމަތާއި، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމަކީ މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.