މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއެކު ހުއްޓާލާފައިވާ އޭއެފްސީ ކަޕް ފުޓުބޯޯޅާ މުބާރާތުގައި ރާއްޖޭގެ ދެޓީމު ހިމެނޭ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅުމަށް އެފްއޭއެމުން ކުރި ބިޑް ކާމިޔާބުކޮށްފިއެވެ.

އޭއެފްސީން މިނިންމުން ނިންމމިއިރު، މުބާރާތް ހޯސްޓުކުރުމަށް ހުޅުވާލި ފުރުސަތުގައި ރަސްމީކޮށް ބިޑުކުރި ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެެވެ.

ބަންގްލަދޭޝް ހޯސްޓުކުރުމަށް މަސައްކަތްކުރުމަށް އަޑުފެތުރުނު ނަމަވެސް އެގައުމުން ފަހުވަގުތު ވަނީ ބިޑުނުކުރަން ނިންމާފައެވެ.

ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބުނީ އޭއެފްސީން ގިނަ ކަންކަމަށް ބެލުމަށްފަހުގައެވެ.

ރާއްޖެއިން ބިޑް ކާމިޔާބުކުރިކަން އިއުލާނުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެެވެ.

ބައްސާމް ކުރި ޓްވީޓުގައި ވިދާޅުވީ އުއްމީދަކީ ރާއްޖޭގެ ކުލަބެއް މިމުބާރާތުގެ ދެން އޮތް ފިޔަވައްސަށް ދަތުރުކުރުން ކަމަށެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 13 ދުވަހުގެ ތެރޭގައެވެ. އެއީ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދުގައެވެ. މި ދުވަސްތަކުގެ ތެރޭގައި ގްރޫޕްސްޓޭޖުގެ ހުރިހާ މެޗެއް ކުޅޭނެއެވެ.

މިފަހަރުގެ އޭއެފްސީ ކަޕަކީ ރާއްޖެއަށް ތާޜީހީ މުބާރާތެކެވެ. އެއީ އެއް ގްރޫޕެއްގައި ރާއްޖޭގެ ދެޓީމެއް ހިމެނުމުންނެވެ. އަދި ސަރަހައްދުގެ ނުފޫޒުބޮޑު އިންޑިއާގެ ޓީމެއް ބަލިކުރުމަށްފަހު ރާއްޖޭގެ ޓީމެއް ގްރޫޕްސްޓޭޖުން ޖާގަ ހޯދުމުންނެވެ.

އެއާއެކު އަމިއްލަ ގައުމުގައި މިގްރޫޕުގެ މެޗުތައް ކުޅުން ވެގެންދާނީ ރާއްޖޭގެ ދެޓީމަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރަކަށެވެ.

ރާއްޖޭގެ މާޒިޔާ އާއި ޓީސީގެ އިތުރުން ދެން ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރަ ކިންގްސް އާއި އިންޑިއާގެ ޗެންނާއި ސިޓީއެވެ.

އަލަށް އެކުލަވާލި ޝެޑިއުލް؛

މާޒިޔާ - ބަޝުންދުރާ / ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)

މާޒިޔާ - ޓީސީ / ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)

ޓީސީ - މާޒިޔާ / ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)

މާޒިޔާ - ޗެންނާއީ / ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

ޓީސީ - ބަޝުންދުރާ / މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)