ދެކުނު ކޮރެއާގައި ގައުމުން ބޭރުން އެތެރެވާ ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ކޮރެއާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައިވަނީ، ފާއިތުވެދިޔަ 25 ދުވަހުގެ ތެރޭގައިވެސް ގައުމުން ބޭރުން އެތެރެވާ ޕޮޒިޓިވް ކޭސްތައް ދުވަހެއް ދުވަހަކަށް މަތިވަމުން ގޮސްފައިވާ ކަމަށެވެ.

މިއަދު އެކަނިވެސް 26 އައު ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން 22 ކޭސްއަކީ ގައުމުން ބޭރުން އެތެރެވެފައިވާ ކޭސްތައް ކަމަށް ކޭސީޑީސީން ބުނެއެވެ. ދެން ހިމެނެނީ ދެކުނު ކޮރެއާއިން ފެނިފައިވާ ކޭސްތަކެވެ.

ދެކުނު ކޮރެއާއިން ކޮވިޑްބަލީގެ ޕޮޒިޓިވް ކޭސްތައް އަލުން ފެންނާން ފެށުމާ ގުޅިގެން އެގައުމުން ގެންދަނީ، ބަލި ފެތުރުން ހުއްޓުވަން އަލުންބަލުން ފިޔަވަޅުތައް އަޅަމުންނެވެ.

ކޮވިޑް-19 އަށް މިހާތަނަށް 13،771 މީހުން ޕޮޒިޓިވް ވެފައިވާއިރު، 296 މީހުންވަނީ ބަލީގައި މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 12،672 މީހުން ބަލިން ފަސޭހަވެފައި ވެއެވެ.

ކޮވިޑްބަލި ފެތުރުން ހުއްޓުވަން ދެކުނު ކޮރެއާއިން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބަލީގެ ހާލަތު ގޯސްވެގެން ނުދިޔަކަމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތައުރީފް ދެކުނު ކޮރެއާއަށް އޮހިގެންދިޔައެވެ.

އަދި އެހެން ގައުމުތަކުންވެސް ފިޔަވަޅުތައް އެޅުމުގައި ދެކުނު ކޮރެއާފަދަ ގައުމުތައް ނަމޫނާއަކަށް ބެލުމަށް ޑަބްލިޔޫއެޗްއޯއިންވެސް ދުނިޔޭގެ ގައުމުތަކަށް ގޮވާލިއެވެ.

ބަލި ފެތުރުން ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް ލޮކްޑައުންގެ ހާލަތަށް ލުއި ނުދިނުމަށް ޑަބްލިޔޫއެޗްއޯއިން އެންމެ ކުރީއްސުރެ ގެންދިޔައީ ގައުމުތަކަށް ގޮވާލަމުންނެވެ. ލުއިތައް ދިންނަމަވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު އެކަން ކުރުމަށް ގެންދިޔައީ އިރުޝާދު ދެމުންނެވެ.

އެހެން ނަމަވެސް، ބަލި ފެތުރުން މަޑުޖެހުމަކަށް އައިސް، ލުއިތައްދިން ގައުމުތަކުގައި އަލުން ބަލި ފެތުރޭން ފަށާފައިވެއެވެ.

އެކަމާ ގުޅިގެން ބައެއް ގައުމުތަކުން އަލުން ލޮކްޑައުންގެ ހާލަތު އިޢްލާންކޮށް، ފިޔަވަޅުތައް އަޅަމުންގެންދާއިރު، އިގްތިސާދީ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން، ނިއު ނޯމަލްގެ އުސޫލުތަކާއެކު ވެސް ބައެއް ގައުމުތަކުން ދަނީ ކުރިއަށް ފިޔަވަޅުތައް އަޅަމުންނެވެ.