ކޮވިޑް-19 އާއި ގުޅިގެން އެފްއޭއެމުގެ ބެލުމުގެ ދަށުގައިވާ ދަނޑުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އާންމުކޮށް ހުޅުވާލައިފިއެވެ.

އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯމަ ދުވަހުން ފެށިގެން އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ދަނޑުތައް، އާންމުންނަށާއި ޓީމުތަކުގެ ފަރިތަކުރުންތަކަށް ހާއްސަ އުސޫލުތަކެއްގެ ދަށުން ހުޅުވާލެވިފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ފެނުމާއެކު ކުޅިވަރުކުޅޭ ތަންތަން ބަންދުކުރިއެވެ. އެއާއެކު އެފްއޭއެމުގެ ބެލުމުގެ ދަށުގައިހުރި ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. އަލުން ހުޅުވާލިއިރު އެ ދަނޑުތައް ބޭނުންކުރެވޭނީ އުސޫލުތަކެއްގެ ދަށުންނެވެ.

އާ އުސޫލުގެ ދަށުން ޓީމުތަކުން ފަރިތަކުރުމަށް ހަމަޖައްސާފައިވަނީ ހެނދުނު 6:00 ން 8:00 އަށް އަދި ހަވީރު 16:00 އިން 20:00 އަށެވެ. އަދި ފަރިތަކުރުންތައް ކުރިއަށްދާއިރު، ކޯޗުންނާއި އޮފިޝަލުންނާއި އަދި ކުޅުންތެރިންނާ ދެމެދު މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ޓީމުތަކުން ޕްރެކްޓިސް ކުރާއިރު ކޮވިޑް-19 ވެބްސައިޓުގައިވާ އުސޫލާ އެއްގޮތަށް މާސްކް އެޅުމަށް އަންގާފައިވާއިރު ކޮވިޑް-19 ގެ އަލާމާތެއް (ކެއްސާ ކިނބިހި އެޅުން ހުންއުން) ފަދަ ކަމެއް ހުރިނަމަ ޕްރެކްޓިސްއަށް ނައުމަށް ވަނީ އެދިފައެވެ. އަދި ޕްރެކްޓިސްއަށް ގެންނަ ދަބަސް ފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުމާއި ގެއިން ނިކުތުމުގެ ކުރިންނާއި ކުޅެ ނިމުމަށްފަހުގައި ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް އަތްދޮވުން ނުވަތަ އަތުގައި އެއްވެސް އެއްޗެއް ހޭކި ހަޑިވެފައި ނުވާނަމަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވަނީ އެދިފައެވެ.

ކުޅެ ނިމުމުން ގެއަށް ގޮސް ޖާޒީ ބަދަލުކުރުމާއި އެއެއްޗެހި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރަން އަންގާފައިވާއިރު އެއްވެސް ކުޅުންތެރިއަކު މަގުމައްޗަށް އަދި ގްރައުންޑަށް ކުޅު ނުޖެހުމަށް ވަނީ އެދިފައެވެ.

ފުޓުބޯޅައިގެ ހަރަކާތްތައް އަލުން ފެށުމަށް ތައްޔާރުވާއިރު މިއަހަރުގެ ފުޓުބޯޅަ ސީޒަން ޑިސެމްބަރުގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އޭގެކުރިން އޭއެފްސީ ކަޕާއި ޤައުމީ ފުޓުބޯޅަ ޓީމުގެ މެޗުތަކެއް ކުޅޭނެއެވެ.