އިންޑިއާއާއި، އެގައުމާ އަވަށްޓެރި ގައުމުތަކާ ދެމެދު މައްސަލަތައްޖެހި، ގުޅުންތައް އިތުރަށް ގޯސްވެ ހީނަރުވާން ފަށައިފިއެވެ.

އިންޑިއާއާއެކު އޮންނަ ގުޅުމުގައި އެންމެފަހުން މައްސަލަތައް ޖެހެން ފަށާފައިވަނީ ނޭޕާލާއި ބަނގްލަދޭޝްއާ ދެމެދުއެވެ.

ބަނގްލަދޭޝްއާ އިންވެގެން އޮންނަ އިންޑިއާގެ އާސާމް ސްޓޭޓްގެ އިމުގެތެރެއަށް މިދިޔަ އާދީއްތަދުވަހު ވަން ބަނގްލަދޭޝް ތިންމީހެއްގެ ގައިގައި އާންމުންގެ ބަޔަކު ތަޅައި މަރާލި ހާދިސާއާ ގުޅިގެން ބަނގްލަދޭޝްއާއެކު އޮންނަ ގުޅުން އިތުރަށް ހޫނުވެފައިވާކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޕާލަމެންޓްގައި ތަމްސީލުކުރައްވާ ވަރަނާސީގައި ބަޔަކު ނޭޕާލް މީހަކު ހިފަހައްޓައި ގަދަކަމުން ބޯބާލައި އަނިޔާކޮށްފައި ވެއެވެ. ވަރަނާސީގައި ނޭޕާލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ހިންގަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

އަނެއްކޮޅުން، އިންޑިއާ-ނޭޕާލް ވަކިކުރާ އިމުގެ އިންޑިއާ ފަޅީގެ ބިހާރު ސްޓޭޓްގެ ކިޝަންގަންޖްގައި ނޭޕާލް ފުލުހުންވަނީ އިންޑިއާ މީހެއްގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައެވެ. އިންޑިއާ ތިންމީހަކަށް ނޭޕާލް ފުލުހުން ހަމަލާދިންކަމަށް ވެއެވެ.

މިއީ، މިފަހުން ދެގައުމު ވަކިކުރާ ސަރަހައްދީ އިމުގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

ނޭޕާލްގައި އިންޑިއާއާ ދެކޮޅަށް ބަޔަކު މުޒާހަރާކުރަނީ:

އިންޑިއާ-ބަނގްލަދޭޝް ވަކިކުރާ އިމުގެ ކަރީމްގަންޖްގައި ބަނގްލަދޭޝް ތިންމީހަކަށް އާންމުން ހަމަލާދީ މަރާލީ އެމީހުން އިންޑިއާގެ ތެރެއަށްވަދެ ގެރިތަކެއް ވަގަށް ނަގަން އުޅުނުކަމަށް ތުހުމަތު ކޮށެވެ. ފުލުހުން ބުނެފައިވަނީ އެކަންކުރި ބަޔަކު ހޯދަމުންދާ ކަމަށެވެ.

މިއީ، ކަރީމްގަންޖްގައި ދެމަސްދުވަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

ޖޫންމަހުގެ 1 ވަނަ ދުވަހުވެސް، ކަރީމްގަންޖްގައި އިންޑިއާބަޔަކުވަނީ އުމުރުން 43 އަހަރުގެ ބަނގްލަދޭޝްގެ މީހެއްގެ ގައިގައި ތަޅައި މަރާލާފައެވެ.

ސަރަހައްދީ އިމުގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން އިންޑިއާ ސަރުކާރާއި ބަނގްލަދޭޝް ސަރުކާރާ ގުޅުން ނުތަނަވަސްވެ، ހިތްހަމަނުޖެހުންތައް އުފެދިފައި ވާއިރު، ސަރަހައްދީ އިމުގެ މައްސަލާގައި އިންޑިއާއާއި ނޭޕާލްގެ ގުޅުން ދުވަހަކުވެސް ގޯސްނުވާ ވަރަށް މިވަނީ ގޯސްވެގެން ގޮސްފައެވެ.

ވަރަނާސީގައި ނޭޕާލް މީހެއްގެ ބޯ ގަދަކަމުން ބޭލުމާއި، ނޭޕާލާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ހިނގަމުންދާތީ ނޭޕާލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރވަނީ، އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރާ ބައްދަލު ކުރައްވައި ނޭޕާލް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައި ގެންފައެވެ.

ވަރަނާސީއަކީ ނޭޕާލާ ވަރަށް ގުޅުންބޮޑު ރަށެކެވެ. އެރަށުގައި ނޭޕާލްގެ އެތައްހާސް މީހުން ދިރިއުޅެއެވެ.

ނޭޕާލްގައި އިންޑިއާ ވަކިކުރާ އިމުގައި ހުންނަ ދޮރާށިތައް:

އަޔޯދިޔާ މިސްކިތްހުރި ބިމުގައި އިންޑިއާއިން ރާމް ކަލާނގެ ފައްޅި ބިނާކުރަން އުޅޭ މައްސަލާގައި ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ މިދިޔަ ހަފްތާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންވެސް ދެގައުމުގެ ގުޅުން އިތުރަށް ނުތަނަވަސްވެގެންދިޔައެވެ.

އިންޑިއާއިން އަޔޯދިޔާގައި މުސްލިމުންގެ ބާބްރީ މިސްކިތްހުރި ބިން މުސްލިމުންގެ އަތުން އަތުލައި، އެތަނުގައި ފައްޅިއެއް ބިނާކުރަން އުޅެނީ އެ ބިމަކީ ރާމް ކަލާނގެ އުފަންވި ބިންމުގައި ބުނެއެވެ.

އެހެން ނަމަވެސް، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ މިދިޔަ ހަފްތާގައި ވިދާޅުވީ، ރާމް ކަލާނގެ އުފަންވީ އަޔޯދިޔާއަށް ނޫންކަމަށާއި، ނޭޕާލަށް ކަމަށެވެ.

ނޭޕާލާއި ބަނގްލަދޭޝް އިންޑިއާއާއެކު އޮންނަ ގުޅުންތަކަށް ނުތަނަވަސްކަން ވެރިވެފައިވާއިރު، އިންޑިއާ-ޗައިނާ ވަކިކުރާ އިމުގައި އިންޑިއާ ސިފައިންނާއި ޗައިނާ ސިފައިންނާ ދެމެދު ދާދިފަހުން ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ އެތައްބަޔަކު މަރުވެ، އެތައްބަޔަކު ޒަޚަމްވި ހާދިސާއާ ގުޅިގެންވެސް ޗައިނާއާއެކު އޮންނަ ގުޅުންތައްވެސް އިތުރަށް ގޯސްވެފައި ވެއެވެ.

ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން އަބަދުވެސް ގޯސްވެފައި އޮންނައިރު، އަފްޣާނިސްތާނުގެ މައްޗަށް ޕާކިސްތާނުގެ ނުފޫޒު އޮންނަލެއް ބޮޑުކަމުން އިންޑިއާއަށް އަފްޣާނިސްތާނާއެކުވެސް މާކަ ރަނގަޅު ގުޅުމެއް ނުބޭއްވެއެވެ.

މުހައްލިލުން ވިދާޅުވަނީ، އިންޑިއާ މިހާރު ތަޖުރިބާކުރަމުންދަނީ މީގެކުރިން ދުވަހަކުވެސް ތަޖުރިބާ ނުކުރާވަރުގެ އެކަހެރިކަމެއް ކަމަށެވެ.