އަތޮޅުތެރޭގެ ރަށްތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ އަގަށް ބަދަލު ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ވަގުތީގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ހިންގުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ފަތުރުވެރިކަމުގެ އެކި މަސައްކަތްތަކަށް އިންވެސްޓްކުރާ މިންވަރު އިތުރަށް ފުޅާކޮށް އަތޮޅުތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޓުއަރިޒަމަށް ދޫކުރާ ބިމުން ނަގާ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސ. އަތޮޅާއި ޏ. އަތޮޅުން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުން އަކަމީޓަރަކުން އެއް ޑޮލަރު ނެގުމަށާއި، ހދ. އަދި ހއ. އަތޮޅުން އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީގެ އިތުރުން ށ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅާއި، ތ. އަތޮޅު އަދި ލ. އަތޮޅުން ދޫކުރާ ބިންތަކުން އަކަމީޓަރަކަށް ތިން ޑޮލަރު ނަގާނެކަމމަށާއި، ބާކީހުރި އަތޮޅުތަކުން ދޫކުރާ ބިމުން ކޮންމެ އަކަމީޓަރަކަށް 4 ޑޮލަރު ޗާޖުކުރަން ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުތަކުގެ ބިމު ކުއްޔަށްވެސް ބަދަލުގެންނަން ނިންމާފައިވާ ކަމަށާއި، ސ. އަތޮޅާއި ޏ. އަތޮޅުގައި ހިންގާ ރިސޯޓުތަކުމުގެ ބިމުން އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި، ހއ. އަދި ހދ. އަތޮޅުގައި ހިންގާ ރިސޯޓުތަކުން އަކަމީޓަރަކަށް ހަތަރު ޑޮލަރު ނަގަން ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ށ. އަތޮޅާއި، ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ބިމުން އަކަމީޓަރަކަށް ހަ ޑޮލަރު ނަގަން ،ނިންމައި ހުށަހަޅަން ނިންމާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި ބަދަލުތަކާއެކު މި ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް އިންވެސްޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މައި ބޯޑަރު ހުޅުވާލައި، ދިވެހިރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާއިރު، އަތޮޅުތެރެއަށް މި ބަލި ފެތުރިފައިވާ މިންވަރު ކުޑަކަމުން ފަތުރުވެރިން ބޮޑަށް ހިޔާރުކުރަނީ މާލެ ސަރަހައްދަށްވުރެ ބޮޑަށް އަތޮޅުތެރެއެވެ. އެހެންކަމުން ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް އަތޮޅުތަކުގައި ޓުއަރިޒަމްގެ އިންވެސްޓްމެންޓުތައް ކުރާ މިންވަރު އިތުރުކުރަން ސަރުކާރުން ގެންދަނި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.