ފ. ދަރަނބޫދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ 33 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.

އެމްޓީސީސީން ބުނީ ދަރަނބޫދޫ ބަނދަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ބޮޑުކޮށް، ބޮޑެތި އުޅަނދު ފަހަރަށް ގާތް ކުރެވޭ މިންވަރަށް ފަޅުފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 46،600 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް ފަޅުފުންކުރުމާއި، 410 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 196 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ޕޭވްމަންޓު ގާއިމްކޮށް ބައްތި ހަރުކުރާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫ އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުންނެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 38.2 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 މެއި 2020 ގައެވެ.