ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ ) ގެ ރައީސްކަން ކުރައްވަމުންދާ އަހުމަދު ސުލައިމާން އެމަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސުލައިމާން މަގާމުން ވަކިކުރެއްވުމަށް ރައީސަށް ލަފާ އެރުއްވުމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ.

ސުލައިމާން މަގާމުން ވަކިކުރުމަށް ރައީސްއަށް ލަފާއަރުވަން ފާސްކޮށްފައިވަނީ ސުލައިމާންވެސް ހިމެނިވަޑައިގަންނަވާގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ހަތަރު މެންބަރަކު މަގާމުން ވަކިކުރުމަށް ރައީސް ސޯލިހަށް ލަފާއަރުވަން މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމާފައި ވަނިކޮށެވެ.

ކޮމިޝަނުން ސުލައިމާން ވަކިކުރަން ރައީސަށް ލަފާއަރުވަން މަޖިލީހުން ފާސްކުރިއިރު، ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދުއާއި، މެމްބަރު އަހްމަދު އަމީންގެ އިތުރުން މެންބަރު ޚަދީޖާ އަބްދުﷲ ވަނީ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ގުޅޭގޮތުން މިނިވަން މުއައްސަސާގެ ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް އިއްވައިދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ކުރި ދިރާސާތަކުން ދައްކާ ކަމަށެވެ.

އެގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ގެއްލިފައިވާ އަހުމަދު ރިލުވާނުގެ މައްސަލަ މޯލްޑިވުސް ޕޮލިސް ސަރވިސްއިން ތަހުގީގު ކުރުމުގައި އެސަރވިސްގެ އިހުމާލެއް ނެތްކަމަށް ކަނޑައަޅައި ނެރުނު ރިޕޯޓުގައި މޯލްޑިވުސް ޕޮލިސް ސަރވިސްގެ މައްސަލައެއް ނެތްކަމަށް ކަނޑައަޅާފައި ވަނީ އޭރުގައި ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސަލާމާތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ހިއްސާކުރި މައުލޫމާތުތަކަށް ރިއާޔަތް ކުރާއިރު އެ މައުލޫމާތުތައް ކުރިން ކޮމިޝަނަށް ލިބުނުނަމަ ކޮމިޝަންގެ ނިމުން ތަފާތުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކޮމެޓީގެ ބައްދަލުވުމުގައި އެންއައިސީގެ މެމްބަރުން ވިދާޅުވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އެންއައިސީން އަދާކޮށްފައި ނުވާކަން ކޮމެޓީއަށް ފާހަގަވެފައިވާ ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.