މާލޭ ސިޓީގައި ހުރި ފުޓްސަލް ދަނޑުތަކުން ބޮޑެތި އަގުތަކަށް ދަނޑުތައް ދޫކުރާ މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ފުޓްސަލް ކުޅުމަށް ގަޑިއިރަކަށް ބައެއް ދަނޑުތަކުން ދަނީ ބޮޑެތި އަދަދުތައް ނަގަމުންނެވެ. އަދި އަގުނެގުމުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ،

ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ އޭނާ ހަފްތާއަކު ދެ ރޭ ރައްޓެހިންނާ އެކުގައި ކުޅެން ދަނީ 6،500ރ. ދީފައި ކަމަށެވެ. އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މައްސަލަ އެކި ގޮތްގޮތުން އަންނަކަމަށާއި މިކަން ކެބިނެޓުގައި މަޝްވަރާވެސް ކުރިކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި މިކަމުގައި އޮތް އެއް ވިސްނުމަކީ ދަނޑުތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހިންގުމެވެ. އަނެއް ވިސްނުމަކީ ބައެއް ކްލަބުތަކަށް ދަނޑުތައް ދީގެން އެމީހުންނަށް އާމްދަނީ ލިބޭ ގޮތަށް ދިނުން ކަމަށް މަހްލޫފް ވިދާޅުވިއެވެ. އެންމެ ބޮޑު ވިސްނުމަކީ ރައްޔިތުންގެ ޖީބަށް ބުރައަކަށް ނުވާނެ ގޮތަކަށް އެކަން ކުރުން ކަމަށެވެ.

މީގެއިތުރުން ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކާއެކު ރަށްރަށުގެ ކުޅިވަރުގެ ބިންތަކާއި، ދަނޑުތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވަނީ ކައުންސިލްތަކާ ކަމަށާއި އެކަން އެންމެ ރަނގަޅަށް ކުރިޔަށްނުދާ ކަމަށެވެ. އަދި މިއަދާ ހަމައަށް ކައުންސިލްތަކުގައި މިކަމަށް ޚަރަދުކުރާނެ ފައިސާއެއް ނެތުމުން ކައުންސިލްތަކަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ