• ނިޒާމްބެ މާޒިޔާއަށް ސޮއިކުރީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން
  • ޓާގެޓަކީ އޭއެފްސީ ކަޕުގައި މާޒިޔާއަށް މިހާތަނަށް ނުލިބޭވަރުގެ ކާމިޔާބީއެއް ހޯދައިދިނުން
  • ނިޒާމްބެއާއި ކޯޗުކަން ހަވާލުކުރީ އެއީ މިހާރު ހުރި އެންމެ ރަނގަޅު ކޯޗަށް ވުމުން- ވައްހާބު

އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗަކަށް ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާޒިޔާގެ ކޯޗުގެ މަގާމުގައި މީގެކުރިން ހުރީ މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީއެވެ. ނަމަވެސް އޭނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ވަނީ އެނބުރި ގައުމަށް ފުރާފައެވެ.

މާޒިޔާއާ ހަވާލުވެ ނިޒާމްބެގެ ފުރަތަމަ މަސައްކަތަކީ އަންނަ އޮކްޓޯބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕްގައި މާޒިޔާ ހިމެނޭ ގްރޫޕުގެ މެޗުތަކެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބާއި ނިއުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން ކޯޗުކަން ކޮށްދެމުން އަންނަ ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްގެ އިތުރުން އިންޑިއާގެ ޗެންނާއި ސިޓީއެވެ.

މާޒިޔާގެ ކޯޗުކަމާއި ހަވާލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ކޯޗު ނިޒާމްބެ ބުނީ، އެންމެ ބޮޑު ޓާގެޓަކީ ކުރިޔަށްއޮތް އޭއެފްސީ ކަޕުގައި މިހާތަނަށް ރާއްޖޭގެ ޓީމަކުން ނުހޯދާ ވަރުގެ ކާމިޔާބެއް ހޯދުން ކަމަށެވެ.

އަދި ރަނގަޅު ޓީމެއް އޭނާގެ ފަހަތުގައި އޮތްކަން ފާހަގަކޮށް ނިޒާމްބެ ބުނީ އެޓީމުގެ ހުރިހާ ޑިޕާޓްމެންޓެއްގައި ވެސް ތިބީ އޭނާ އިތުބާރުކުރާ މޮޅު ކުޅުންތެރިން ކަމަށެވެ.

މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްޙާބު ވިދާޅުވީ، ނިޒާމްބެ މާޒިޔާގެ ކޯޗުކަމުގެ މަގާމަށް އައްޔަންކުރީ ނިޒާމްބެއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗަށްވުމުގެ އިތުރުން، ބައިނަލްއަގުވާމީ މުބާރާތްތަކުންވެސް ނިޒާމްބެ ރަންވަނަ ހޯދާފައިވާތީ ކަމަށެވެ.

ނިޒާމްބެ އެންމެ ފަހުން ކޯޗުކޮށްދިނީ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ސައިފް ސްޕޯޓިން އަށެވެ.

ނިޒާމްބެއަކީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗަށެވެ.

ނިޒާމްބެ ބޭރުގެ ޓީމަކަށް ކޯޗުކަން ކޮށްދޭން ނިންމީ 2018 ވަނަ އަަހަރުގެ ދިވެހި ޕްރިމިއަރ ލީގު ޓީސީއަށް ކާމިޔާބުކޮށްދިނުމަށް ފަހުގައެވެ.