އަދިވެސް އަހަރުތަކެއް ކްލަބާއި ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށާއި ސަބަބަކީ ފުޓްބޯޅަ ނުކުޅޭނަމަ، ދެން ކުރާނެ ކަމެއް ނޭނގޭތީ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ ވެބްސައިޓަށް ދިވެހި ކުޅުންތެރިއަކު ދިން ފުރަތަމަ އިންޓަރވިއުގައި ވާހަކަދައްކަމުން ދަގަނޑޭ ބުނީ، އޭނާއަށް އަދިވެސް ފިޓްކަމުގެ އިހުސާސްކުރެވޭ ކަމަށާއި އޭނާގެ ފޯމާއި ފިޓްނަސް ހިފެހެއްޓުމަށްޓަކައި، ކުރިއަށްވުރެ ދެގުނަ މިހާރު މަސައްކަތްކުރާ ކަމަށެވެ.

ފީފާގެ ލިޔުމުގައި ދަގަނޑޭގެ ހުނަރުވެރިކަމުގެ ވާހަކަވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ.

ލިޔުމުގައި ސިފަކޮށްފައިވާ ގޮތުގައި ދަގަނޑޭގެ އާދަޔާހިލާފު، ދުވެއްޔާއި ހަލުވިކަމާއެކު ދަގަނޑޭ ފާހަގަވެފައިވަނީ ޑްރިބްލިންގެ ހުނަރާއެކު ގޯލްކީޕަރުން ކައިރިން ދެމިގަންނަ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ދަގަނޑޭ ބުނީ ގޯލްކީޕަރު ކައިރިން ނައްޓާލުމުން، އިތުރު އުފާވެރިކަމެއް އިހުސާސްކުރެވޭ ކަމަށެވެ.

ވާތު ފައިން ކުޅުނު ނަމަވެސް ފަހަކަށްއައިސް ކަނާތު ފައިން ގޯލް ޖެހުމުގެ ހުނަރު މަތިކުރަން ބުރަކޮށް މަސައްކަތްކުރި ކަމަށާއި އޭނާއަކީ އެއްވެސް އެކަޑަމީއަކުން ތަމްރީނުވި ކުޅުންތެރިއެއް ނޫންކަމަށް ބުނެފައި ވެއެވެ. މި ލިޔުމުގައި ދަގަނޑޭ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރު ފެށިގޮތްވެސް ހިއްސާކޮށްފައެެވެ.

ކުލަބް ވެލެންސިޔާއިން ފުޓުބޯޅަ ކެރިއަރު ފެށި ދަގަނޑޭ ވަނީ ނިއު، ވީބީ އައްޑޫ އެފްސީ، މާޒިޔާ، ޓީސީ އަދި ބުރުނާއީގެ ޑީޕީއާރުއެމްގެ އިތުރުން މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެފައެވެ.