ގަބޫލަސް ނުގަބޫލަސް އެމެރިކާ ރައްޔިތުން މާސްކް އަޅަންޖެހޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް މީގެކުރިން ގެންދެވީ، ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން ނުވަތަ މަދުކުރަން ފޭސް މާސްކް އެޅުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުންނެވެ.

އެހެންކަމުން، މިއީ އާންމުންވެސް މާސްކް އެޅުމަށް ތާއީދުކުރައްވައި ޓްރަމްޕް ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

ޚުދު ޓްރަމްޕްވެސް މީހުންގެ ތެރެއަށް މިހާރު ނުކުމެވަޑައި ގަންނަވަނީ މާސްކް އަޅުއްވައިގެންނެވެ.

މާސްކް އެޅުމުގެ މައްސަލައަކީ އެމެރިކާގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލައެކެވެ.

މައި ސަރުކާރާއި، ސްޓޭޓް ސަރުކާރުތަކުގެ ސިޔާސަތުތަކާހެދި އެމެރިކާގެ އެއްވެސް ސްޓޭޓެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ފިހާރަތަކަށް ވަނުމާއި، އާންމުން އެއްވެއުޅޭ ތަންތަނަށް ދިއުމުގައި މާސްކްއަޅަންޖެހެއެވެ. ނަމަވެސް، އެކަމަށްވެސް ގިނަމީހުން ކިޔަމަނެއް ނުވެއެވެ.

މާސްކްގެ މައްސަލާގައި އެމެރިކާގައި ހަމަނުޖެހުންތައްވެސް ހިނގަމުންދެއެވެ.

އެތައް ހަފްތާއެއްފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، އެމެރިކާގައި ބަލީގެ ހާލަތު އަދިވެސް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

ޓްރަމްޕް ވަނީ، އާންމުން ބޭރު ތެރެއަށް ނުކުމެ އުޅޭއިރު އިޖުތިމާއީ ގައިދުރުކަން ގާއިމް ނުކުރެވޭނަމަ ފޭސް މާސްކް އަޅައިގެން އުޅުމަށް ގޮވާލައްވާފައެވެ.

ޓްރަމްޕް ވިދާޅުވީ، މާސްކްގެ ވާހަކައަކީ އޭނާ ދައްކަން ބޭނުންފުޅުވާ ވާހަކައެއް ނޫން ކަމަށާއި، ނަމަވެސް މިހާރު އެވާހަކަ ނުދައްކަވައި ފަރުޖެއްސެން ނެތްކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް ހުންނެވީ މާސްކް އަޅުއްވައިގެނެއް ނޫނެވެ. ނަމަވެސް، ނޫސްވެރިންނަށް މާސްކް ދައްކާލެއްވިއެވެ.

"އަޅުގަނޑުމެން މި އެދެނީ، އިޖުތިމާއީ ގައިދުރުކަން ގާއިމް ނުކުރެވޭނަމަ އެންމެންވެސް މާސްކް ހޯދައި މާސްކް އެޅުމަށް. ގަބޫލަސް ނުގަބޫލަސް މާސްކުން އަސަރުކުރޭ. ބަލި ފެތުރުން ހުއްޓުން ހޯދެންއޮތް ހުރިހާ އެއްޗެއް ހޯދަންއެބަޖެހޭ"
ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، އޭނާވެސް މާސްކް އަޅުއްވަން ފެށްޓެވުމުން އެކަމަށް ފަރިތަވެވަޑައިގެންފި ކަމަށާއި، ބޭރަށް ނުކުމެވަޑައިގަންނަވާ އިރުގައާއި، މީހުންނާ ބައްދަލު ކުރައްވާއިރު އަދި ލިފްޓަށް އަރާވަޑައިގަންނަވާއިރުވެސް މިހާރު މާސްކް އަޅުއްވާ ކަމަށެވެ.

ޓްރަމްޕްވަނީ، ބާރތަކާއި، އެނޫންވެސް އެފަދަ ތަންތަނަށް އެއްވެ ނޫޅުމަށް ޚާއްސަކޮށް އެމެރިކާގެ ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

ދުނިޔޭގައި އެންމެ ގިނަމީހުންނަށް ބަލިޖެހި އަދި ބަލީގައި މަރުވެފައި ވަނީވެސް އެމެރިކާއިންނެވެ.

އެމެރިކާގައި އަދިވެސް ބަލީގެ ހާލަތު ގޯސްވަމުންދާއިރު، އެމެރިކާގެ ސިޔާސީ މައިދާނުގެ އެންމެ މުހިންމު ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ، ޓެކްސަސް، އެރިޒޯނާ ފަދަ ސްޓޭޓްތަކުގެ ހާލަތު ވަކީން ގޯހެވެ.

އެހެންވެ، ކޮވިޑް-19 ބައްޔާމެދު ޓްރަމްޕް ކުރިން ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް ބަދަލުކުރައްވައި އަދި ބަލި ފެތުރުން ހުއްޓުވަން މާސްކް އެޅުމާމެދު ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތްވެސް މިހާރުވަނީ ބަދަލު ކުރައްވާފައެވެ. މާސްކާމެދު ޓްރަމްޕްގެ ރާގު އެއްކޮށް ވަނީ ބަދަލު ކުރައްވާފައެވެ.

ޓްރަމްޕް މިހާރު ބޭނުންފުޅުވަނީ އެމެރިކާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެއްވުމަށެވެ.