އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގައި ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މާލޭގައި ތިއްބަވައިގެން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން އިންޑިއާ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު ވިދާޅުވީ މި މަޝްރޫޢުގައި ސޮއިކުރުމަކީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާއީ އަދި އިގްތިސާދީ މަޝްރޫއުތަކުގެ ތެރެއިން މުހިއްމު މަޝްރޫއެއްކަމަށެވެ.

އަދި މި މަޝްރޫއާއެކު އައްޑޫ ސިޓީއަށް އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވެ، އެ ސިޓީގެ އިގްތިސާދީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށާއި މަސްވެރިކަމާ ގުޅުން ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެކަންވެސް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.