ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދީފައިވާ ބޮޑީބޯޑިން އިން ފުރަތަމަ ފަހަރަށް ރަސްމީކޮށް ހަތަރު ކުޅުންތެރިންގެ މައްޗަށް އެކުލަވާލި ޤައުމީ ޓީމުގައި ލާމު އަތޮޅުގެ ޒުވާން ދެ ރާޅާއެޅުންތެރިން ހިމެނިއްޖެއެވެ.

މި ހަތަރު ކުޅުންތެރިން ޤައުމީ ޓީމަށް ހޮވާފައިވަނީ މިދިޔަ އަހަރު ބޭއްވި މުބާރާތްތަކުގެ ނަތީޖާތަކަށް ބެލުމަށްފަހު އެ ކުޅުންތެރިން ގިންތި ކުރުމަށްފަހުގައެވެ.

މި ޓީމުގައި ހިމެނޭ ލާމު އަތޮޅު ގަމަށް ނިސްބަތްވާ ދެ ރާޅާއެޅުންތެރިންނަކީ އަސްވާން މުހައްމަދު (ދޫނި) އަލީ އާނިމް (ކިރިކާ) އެވެ. ރޭންކިންގެ އެއްވަނައިގައި ހިމެނުނު ކުޅުންތެރިޔާއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ބޮޑީބޯޑަރ އަލީ ހުޝްރުވާން (ކުޑައައްޔަ) އެވެ. ދެވަނައިގައި ދޫނި ހިމެނުނުއިރު ތިންވަނައަށް ރޭންކު ކުރެވުނު ކުޅުންތެރިއަކީ މާލެއަށް ނިސްބަތްވާ ހުނަރުވެރި ރާޅާއެޅުންތެރިޔާ އަހުމަދު ނަޒްމީން އެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ހުސެއިން ނިޒާމް އެވެ.

ލާމު އަތޮޅުން ލިސްޓުގައި ހިމެނުނު ދެ ރާޅާއެޅުންތެރިންގެ ތެރެއިން އަސްވާން ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި މީގެކުރިން ވާދަކޮށްފައެވެ. ލާމު އަތޮޅުން ފާހަގަވި މި ކުޅުންތެރިޔާގެ ބޮޑަށް ވިދާލާފައިވަނީ 2015 ވަނަ އަހަރު ބޭއްވި މޯލްޑިވްސް އޯޕަން މުބާރާތުންނެވެ. އެއަށްފަހު އޭނާ ވަނީ މެލޭޝިއާގައި ބޭއްވި ދެ މުބާރާތެއްގައި ވާދަކޮށް މުބާރާތުގެ ދެވަނަ ހޯދާފައެވެ. މި ލިސްޓުގައި ދެން ހިމެނޭ ކިރިކާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުންތަކެއް ހޯދި ރާޅާއެޅުންތެރިއެކެވެ. މިއީ އެމްބީބީއޭ ރޭންކިންގައި އޭނާ ހިމެނުނު ފުރަތަމަ ފަހަރެވެ.

ނަޒްމީން އަކީ ބޮޑީބޯޑިންގެ ކޮންމެ މުބާރާތެއް ކަހަލަ ގޮތަކަށް ބައިވެރިވަމުން އަންނަ ރާޅާއެޅުންތެރިއެވެ. މިހާތަނަށް އޭނާ ހޯދި ކާމިޔާބީތަކުގެ ތެރެއިން މިދިޔަ އަހަރަކީ އޭނާއަށް ފާހަގަކޮށްލެވޭ އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ލަބެރަ ބޮޑީބޯޑިން މުބާރާތުގެ ތިންވަނަ އޭނާ ހޯދިއެވެ. އަދި ޤައުމީ މުބާރާތުގެ ތިންވަނަވެސް އޭނާ ހޯދިއެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ބޮޑީބޯޑިންގައި ފާހަގަކޮށްލެވޭ އަހަރެކެވެ. އެގޮތުން ބަނޑުފިލާ ޗެލެންޖްގެ ނަމުގައި ވަނީ ޤައުމީ ފެންވަރުގެ ފުރަތަމަ މުބާރާތް ބާއްވާފައެވެ. މިއީ 2015 ވަނަ އަހަރު ގައުމީ އެސޯސިއޭޝަނެއްގެ ގޮތުގައި ބޮޑީބޯޑިން ރަޖިސްޓްރީކޮށްގެން ފެށި ފަހުން އެ ޖަމިއްޔާ އިން ބޭއްވި ގައުމީ ފެންވަރުގެ ފުރަތަމަ ބޯޑީބޯޑިން މުބާރާތެވެ.