މުޅިން އަލަށް ގައުމީ ފުޓުބޯޅަ ސްކޮޑުން ޖާގަ ހޯދި ދެވަނަ ޑިވިޝަނުގެ އެންމެ މޮޅޫ ކުޅުންތެރިއާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނާ) އަށް އޭނާ މަސައްކަތް ކުރާ ސޮނޭވާފުށި ރިސޯޓުން ރިލީޒް ނުލިބޭތީވެ ގައުމީ ސްކޮޑުގެ ފަރިތަކުރުންތަކުގައި އަދިވެސް ބައިވެރި ނުވެވޭ ކަމަށް އޭނާ ބުނެފިއެވެ.

ދެވަނަ ޑިވިޝަންގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގައި މޮޅު ކުޅުމެއް ދައްކާ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމުގެ އިތުރުން 7 ގޯލާއެކު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި ކިތުނާ މިހާރު ވަނީ މާޒިޔާ އާ ގުޅިފައެވެ. މާޒިޔާގެ ސްކޮޑުން ޖާގައެއް ދިނުމަށް ނިންމި އެއް ސަބަބަކީ މާޒިޔާ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހުމުންނެވެ.

ކިތުނާ އަށް ގައުމީ ސްކޮޑުން ޖާގަ ދިނީ ގައުމީ ޓީމުގެ ކޯޗުކަމާ މުޅިން އަލަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވުމަށް ފަހު ފެބްރުއަރީ މަހުގެ ތެރޭގައި އެވެ. އެފަހަރުވެސް ކިތްނާ ގައުމީ ސްކޮޑުގެ ފަރިތަކުރުން ތަކާ ގުޅުނީ އެފްއޭއެމް އިން ރަސްމީކޮށް ސޮނޭފުށީގެ މެނޭޖްމަންޓުގައި ހުއްދައަށް އެދުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުން މާޗު މަހު ފަރިތަކުރުންތައް މެދުކަނޑާލިއިރު، މި މަހުގެ ކުރީކޮޅު އަލުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ފަސްކުރި ކޮލިފައިންގ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލު ކޮށްފައިވާއިރު، ރާއްޖެ އާއި ޗައިނާގެ މެޗު މިހާރު ވަނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. މީގެ އިތުރުން ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.