އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތައް ނުފެންނާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އާންމު ގޮތެއްގައި ދިވެހި ޕްރިމިއާ ލީގުގައި 10 ޓީމު ވާދަކުރާއިރު، އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ޕްރިމިއާ ލީގުން އަންނަނީ ޖާގަ ދެމުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫ ވަނީ ޕްރިމިއާ ލީގުގައި ވާދަކޮށްފައެވެ. އެ ދެ ޓީމު ޕްރިމިއާ ލީގަށް ކޮލިފައިވީ 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެންނެވެ.

ބުދަ ދުވަހު އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕްރިމިއާ ލީގުން އަބަދުވެސް ފުރުސަތު ލިބިގެންދަނީ އަތޮޅު މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ކަމަށާއި، އެކަމަކު ކޮވިޑް-19 އާ ގުޅިގެން 2019-2020 ގެ އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައި ނުވާ ކަމަށެވެ.

އެހެންކަމުން 2019-2020 ގައި ކުޅުނު ދެ ޓީމަށް 2020-2021 ގެ ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފާއި ހަމަހަމަކަން ގެއްލޭނެ ކަމަކަށްވާތީވެ، ޕްރިމިއާ ލީގުން އަތޮޅު ތެރެއަށް ދެވިފައިވާ ޖާގަ މިވަގުތަށް މަޑުޖައްސާލެވިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރުގެ ކުރީކޮޅު ބޭއްވިއްޖެނަމަ، އެ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް 2021 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން މިގޮތަށް ބަޔާނެއް ނެރުނީ "އަތޮޅުތަކުގެ ޓީމުތަކަށް ދިވެހި ލީގުން ފުރުސަތެއް ނުދެވޭނެ: އެފްއޭއެމް" މި ސުރުޚީގައި ސީއެންއެމް ނިއުސްއިން ޝާއިއުކުރި ލިޔުމަކާ ގުޅިގެންނެވެ. ސީއެންއެމް ނިއުސްއިން ޝާއިއުކުރި ޚަބަރާ ގުޅިގެން އެފްއޭއެމްގެ ބަޔާނުގައި ވަނީ އެފަދަ ޚަބަރުތަށް އާންމުނަށް ފޯރުކޮށްދޭއިރު، މައުލޫމާތުތައް ނޯޅޭނެ ގޮތަކަށް ގެނެސްދިނުމަށް އެދެފައެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގުން އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ނުދެން ނިންމުމާއެކު، އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގައި ވާދަކުރާނީ ޖުމްލަ އަށް ޓީމެވެ. އެއީ ޕްރިމިއާ ލީގުގެ ހަ ޓީމުގެ އިތުރަށް ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމެވެ.