ކޮވިޑް-19 އާގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވި ފަހުން ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 560 ފަތުރުވެރިން ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ އަދަދު އުޅެނީ 560 ގައެވެ.

ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ، ފުރަތަމަ ހަތަރު ދުވަހުއެވެ. އެގޮތުން، އެ މުއްދަތުގެ ތެރޭގައި 443 ފަތުރުވެރިން އައިސްފައިވެއެވެ. އޭގެފަހުން ފާއިތުވެދިޔަ ތިންދުވަހު އައީ 117 ފަތުރުވެރިންނެވެ.

ތަފަސްހިސާބުތައް ދައްކާގޮތުން އެއް ގައުމަކުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ، އިނގިރޭސިވިލާތުންނެވެ. އެގޮތުން، މިދިޔަ އެއްހަފްތާގެ ތެރޭގައި އެގައުމުން ޖުމްލަ 87 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

ގާތްގަނޑަކަށް ހަތަރު މަހަށްފަހު ރާއްޖޭގެ ބޯޑަރު މިދިޔަ ހަފްތާގެ ބުދަދުވަހު އަލުން ހުޅުވާލާފައިވާއިރު، ހަތަރު އެއާލައިނަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އެއީ، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް އަދި ސްރީލަންކަން އެއާލައިންސްއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރިއިރު، އޭރު ރާއްޖޭގެ 150 އަށް ވުރެ ގިނަ ރިސޯޓް ދިޔައީ ހިންގަމުންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވިއިރު ގާތްގަނޑަކަށް 50 ރިސޯޓެއް އަލުން ހިންގަން ފަށާފައިވެއެވެ.

ކުރިއަށް އޮތް ދެމަހުވެސް ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަލުން ހުޅުވަން ނިންމާފައިވާއިރު، ސަރުކާރުން މިހާރު އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ފަސްލައްކަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.