ރާޅާއެޅުމަކީ ރާއްޖޭގެ ގިނަ ޒުވާނުން ޝައުގުވެރިވާ ކުޅިވަރެކެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ރާޅާއަޅާ ޒުވާނުން ގިނައެވެ.
ށ ކަނޑިތީމަކީ ވެސް ރާޅާއެޅުމަށް ފޯރި ހުންނަ ޒުވާނުން ނިސްބަތުން ގިނަ ރަށެކެވެ. އެރަށުގެ ޒުވާނުން އިސްނަގައިގެން ބޮލި ކައްޓަފުޅި ސާފިން އޭރިއާގެ ނަމުގައި މިވަނީ ރާޅާއަޅާ ސަރަހައްދެއް ތަރައްގީކޮށްފައެވެ.
ރާޅާއެޅުމަށް ޝައުގުވެރިވާ ފަރާތަކަށް ފަހި އިންތިޒާމްތަކެއް ހަމަޖެހިފައިވާ އެ ސަރަހައްދަށް ބަލާލުމުން ފެނިގެންދަނީ ހިތްފަސޭހަކަމެވެ.
މީހުން ދިރިއުޅޭ ހިސާބާ ދުރުގައި އޮންނަ މިސަރަހައްދުގެ ވައު ސާފުކޮށް ތައްޔާރުކޮށްފައިވާ މިސަރަހައްދުގައި ސާފިންބޯޑު ބަހައްޓާނެ ހަރެއްގެ އިތުރުން ޕާކިން ޒޯންއެއް ހުރެއެވެ. އަދި ކުޅިބަލާލުމަށް އިށީނދެ ތިބެވޭނެ ގޮތަށް ހިޔާބޯ ގަސްތަކުގެ ދަށުގައި އުނދޯލިފަދަ ތަކެތި ވަނީ އެލުވާފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެމުން މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނެއް ކަމަށްވާ އަނޫފް ބުނީ، ބޮލި ކައްޓަފުޅި ސާފިން އޭރިޔާ ތަރައްގީ ކުރުމުގެ ބޭނުމަކީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކަނޑިތީމް ތަމްސީލްކުރާނެ ގިނަ ސާފަރުން އިތުރުކުރުން ކަމަށެވެ. އަދި މިކުޅިވަރަށް ގިނަ ޒުވާނުން އަހުލުވެރިކުރުވުން ކަމަށެވެ.
ރާޅާ އެޅުމުގެ އިތުރުން ޕިކްނިކް ހަދާލަން ބޭނުން ކުރެވޭގޮތަށް ތައްޔާތު ކޮށްފައިވާ ބޮލި ކައްޓަފުޅި ސާފިން އޭރިޔާގައި ބީޗްވޮލީފަދަ ކުޅިވަރުތައް ކުޅެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ
.އޭނާ އިތުރަށް ބުނީ، ވަރަށް ފުރިހަމައަށް ބީޗް އޭރިޔާ ތަރައްގީކުރުމުގައި ކަނޑިތީމް ކައުންސިލާއި، ވިޔަފާރިވެރިންގެ އިތުރުން އާންމުންގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
ބޮލި ކައްޓަފުޅި ސާފިން އޭރިޔާ ތަރައްގީ ކުރުމާއިއެކު ރާޅާއެޅުމުގެ ފޯރި ކަނޑިތީމުގައި އިހުނަށްވުރެ އިތުރުވެފައި ވާއިރު، ކަނޑިތީމް ޒުވާނުންގެ އުންމީދުތައްވެސް ހުރީ ރާޅުތަކަށްވުރެ އުހުގައޭ ދެއްނެވުމަކީ ދޮގަކަށް ނުވާނެއެވެ.
އެގޮތުން ބޭނުންވަނީ އެސަރަހައްދަކީ ގައުމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ސަރަހައްދަކަށް ހެދުންކަމަށް ކަނޑިތީމް ޒުވާނުން ބުނެއެވެ.
ރާޅާއެޅުމަކީ މިހާރަކަށްއައިސް ރާއްޖޭގެ ގިނަ ޒުވާނުން ޝައުގުވެރިވާ ކުޅިވަރެކެވެ.
އެގޮތުން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރުތައް އަންނަނީ ދައްކަމުންނެވެ. އަދި މިދާއިރާއިން ކުރިޔަށްދާން ބޭނުންވާ އެތަކެއް ޒުވާނުންތަކެއް ތިބޭނެ ކަމާއިމެދު ޝައްކެއްނެތެވެ.
އެފަދަ ޒުވާނުންނަށް އުންމީދުތަކެއް ކަނޑިތީމްގެ ޒުވާނުން ގެނެސްދީފައި މިވަނީ ނަމޫނާ ދައްކަމުންނެވެ.
ވަރަށް ފުރިހަމަ ރިޕޯޓެއް
ފައްކާ