އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކުރި މައްސަލައިގައި ހައިކޯޓްގައި މިއަދު އޮތް އިސްތިއުނާފު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގަ އެ އަމުރަށް އެދުނީ ދައުލަތުގެ ފަރާތުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންމެ ފަހުން އަދީބުގެ މައްޗަށް އުފުލީ ހަތް ދައުވާއެކެވެ.

އޭގެ ތެރޭގައި ހިމެނެނީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މި ހަތް ދައުވާވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބުގެ ވަކީލު މަހްފޫޒް ސައީދް ވިދާޅުވީ، އަދީބު ފިލައިގެން ގޮސްދާނެތީ ދައުލަތުގެ ފަރާތުން މިހާރުވެސް އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެއީ، އަދީބުގެ ގޭގެ ބޭރުގައި ކެމެރާއެއް ހަރުކޮށް ފުލުހުންނަށް އޭގެ އެކްސެސް ލިބޭ ގޮތް ހެދުމާއި، އަދީބުގެ ގޭގައި ފުލުހުންގެ ސެކިއުރިޓީ ހަމަޖެއްސުން ކަމަށެެވެ. މިހާރުވެސް އަދީބަށް ދަތުރުކުރެވެނީ ފުލުހުންނާ އެކުގައި ކަމުން، އޭނާއަށް ފިލުމުގެ ފުރުސަތެއް ނޯންނާނެ ކަން މަހްފޫޒް ވަނީ ފާހަގަކުރައްވާފައެވެ.

މަހްފޫޒުގެ ވާހަކައަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބުގެ ގޭގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓަމުން ދަނީ އަދީބު އެގޮތަށް އެދިވަޑައިގެން އޭނާގެ ރުހުމާ އެކުގައި ކަމަށެވެ. އެ ނިންމެވުން ބަދަލުކޮށް ފުލުހުންގެ ސެކިއުރިޓީ ބަދަލު ކުރުމުގެ ފުރުސަތު އަބަދުވެސް އަދީބަށް އޮންނާނެ ކަމަށެވެ.

އަދީބަކީ މީގެކުރިންވެސް ސަލާމަތީ ބާރުތަކަށް ނޭނގި ފިލާފައިވާ މީހެއްކަމުން އެކަމުގެ ގާބިލްކަން އޭނާއަށް އަދިވެސް އޮންނާނެކަން ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވިއެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ޝުއައިބް ވިދާޅުވީ، އަދީބަކީ މީގެކުރިންވެސް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ސަލާމަތީ ބާރުތަކަށް ނޭނގި ފިލައިގެން ގޮސްފައިވާ މީހެއް ކަމަށެވެ.

އަދީބަށް މިހާރު ހަމަޖައްސާފައިވާ ސެކިއުރިޓީއަކީ އޭނާ ބޭނުވެއްޖެ ހާލަތެއްގައި ނެގެން އޮތް ކަމެއްކަން ދެފަރާތުންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އަދީބަކީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ބަޔާންކުރާ ސީރިއަސް ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ބޭފުޅަކަށް ވާތީއާއި މިހާރުވެސް ފިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ފެންނާތީ ޝަރީއަތް ނިމެންދެން ރެމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް މީގެކުރިން އަދީބުވަނީ ފިލައިގެން ގޮސްފައެވެ. އެފަހަރު ކަނޑުމަތީން އޭނާ ހައްޔަރުކޮށް، ރާއްޖެ ގެނެސް ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ދައުވާ އުފުލިއެވެ. އަދި އެމައްސަލާގައި ތިންމަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްވެސްކުރިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އެންމެފަހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާވެސް ކޯޓުން ބޭރުކޮށްލީ އެމައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދެވެ.

ޖޭއެސްސީން ގާޒީ އިސްމާއިލް ރޝީދުގެ މައްސަލަ ތަހްގީގު ކުރާއިރު، އޭނާ ދެމަސް ދުވަހަށްވނީ ސަަސްޕެންޑުވެސް ކޮށްފައެވެ.