ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުއެޅި ކުންފުނިތަކަކީ، ޗައިނާގެ އުތުރުހުޅަނގުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޝިންޖިއާންގެ މުސްލިމުންނަށް އިހާނެތިކޮށްހިތައި، މުސްލިމުންނާމެދު އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގުމުގައި ބައިވެރިވާ ކުންފުނިތައް ކަމަށް އެމެރިކާ ސަރުކާރުން ބުނެފައި ވެއެވެ.

އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޝިންޖިއާގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ސަރުކާރުގެ ފިއްތުންތައް އިތުރަށް ފުޅާވެގެންދާނެއެވެ.

ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ޝިންޖިއާގެ އެތައް މިލިއަން މުސްލިމުން ގައިދުކޮށްގެން ގެންގުޅޭކަމާއި، މުސްލިމުން ލައްވައި އަޅުމަސައްކަތް ކުރުވުމާއި، މުސްލިމުންގެ އާބާދީ އިތުރުވިޔަ ނުދިނުމަށް ގަދަބާރުން ދަރިމައިވުން ހުއްޓުވުމާއި، އެނޫންވެސް ލާއިންސާނީ އަނިޔާތައް މުސްލިމުންނާ ދެކޮޅަށް ހިންގާކަމަށް އެމެރިކާއިން ބުނެއެވެ.

ޗައިނާ-އެމެރިކާގެ ގުޅުން މިފަހުގެ ތާރީޚުގައި ދުވަހަކުވެސް ގޯސްނުވާ ވަރަށް ގޯސްވެގެންދިއުމުގައި، އިންސާނީ ހައްގުތަކާއި، ދެގައުމުގެ ވިޔަފާރިއާއި، ޓެކްނޯލޮޖީގެ މައްސަލަތަކުގެ އިތުރުން ޝިންޖިއާންގެ މައްސަލަވެސް ހިމެނެއެވެ.

ޝިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލާގައި ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، ޝިންޖިއާންއާ ގުޅުންހުރި ޗައިނާ ސަރުކާރުގެ 4 އޮފިޝަލަކާ ދެކޮޅަށްވެސް އެމެރިކާއިން ފިޔަވަޅު އަޅާފައި ވެއެވެ.

އެމެރިކާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ކޮމާރސްއިން ބުނެފައިވަނީ، ލިސްޓުކުރި ޗައިނާގެ 11 ކުންފުންޏަށް އެމެރިކާގެ އެއްވެސް ކުންފުންޏަކުވެސް މުދަލާއި ޓެކްނޯލޮޖީ ނުލިބޭނޭ ކަމަށެވެ.

ލިސްޓްކުރި ކުންފުނިތަކުގެ ތެރެއިން 3 ކުންފުންޏަކީ މުސްލިމުން ލައްވައި ގަދަކަމުން އަޅުމަސައްކަތް ކުރުވާ ތިންކުންފުނި ކަމަށްވެއެވެ.

އެޕަލް ކުންފުންޏާއި، ސެމްސަންގާއި، އެނޫންވެސް ޓެކްނޯލޮޖީ ކުންފުނިތަކަށް ސްކްރީނާއި ލެންސް ސަޕްލައިކޮށްދޭ ޗައިނާ ކުންފުންޏެއްވެސް މީގެތެރޭގައި ހިމެނެއެވެ.

ޗައިނާގެ 11 ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ޗައިނާއިން ވަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކޮށްފައެވެ.

ރައްދުގައި ޗައިނާއިންވަނީ އެމެރިކާގެ ސެނޭޓްގެ 4 މެމްބަރަކާ ދެކޮޅަށް ފިޔަވަޅު އަޅާކަން އިޢްލާންކޮށްފައެވެ. އެ 4 ސެނެޓަރުންނަކީ އިންސާނީ ހައްގުތަކުގެ ރެކޯޑުގެ މައްސަލާގައި ޗައިނާ ކުށްވެރިކޮށް ވާހަކަދައްކަވާ ބޭފުޅުންނެވެ. ނަމަވެސް އެ ސެނެޓަރުންނާ ދެކޮޅަށް ޗައިނާއިން އެޅި ފިޔަވަޅުތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ، އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް އެކަށީގެންވާ ރައްދު ފިޔަވަޅު އަޅާނޭ ކަމަށެވެ.

އެމެރިކާގެ ހިއުސްޓަންގައި ހުރި ޗައިނާގެ ކޮންސިއުލޭޓް ވަގުތުން ބަންދުކުރުމަށް އެމެރިކާ ސަރުކާރުން އިއްޔެ އަމުރުކުރި މައްސަލާގައިވެސް ޗައިނާވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.