ފަހު މެޗުގައި ޗެލްސީ އަތުން ހޯދި މޮޅާއެކު ލީގު ޗެމްޕިއަން ލިވަޕޫލުން ލީގުގެ ޓްރޮފީ އުފުލާލާއިފިއެވެ.

މިއީ 30 އަހަރުގެ ދިގު ތާރީހަކަށްފަހު ލިވަޕޫލުން ހޯދި ފުރަތަމަ ތައްޓެވެ. މި ކާމިޔާބީ ހާސިލްކޮށްދިނުމުގައި ގިނަ ބައެއްގެ ޝާމިލުވުން ހިމެނެއެވެ. ޗެލްސީ އަތުން ލިވަޕޫލް މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.

މިއީ ލިވަޕޫލުން އިނގިރޭސި ޗެމްޕިއަންކަން ހޯދި 19 ވަނަ ފަހަރެވެ. އެކަމަކު މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން، ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން އެ ޓީމުން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަނިޔާގެ ސަބަބުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކުޅުމާ ދުރުގައި ހުރި ނަމަވެސް، ލީގު ތަށި އުފުލާލުމުގެ ޝަރަފު އޭނާއަށް ވަނީ ދީފައެވެ.

ލިވަޕޫލުން މި ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން މިހާތަނަށް ވަނީ ޕްރިމިއާ ލީގުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ކްލަބު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ނަބީ ކެއިޓާއެވެ.

މި މެޗުން ލިބުނު މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 18 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ލިވަޕޫލަށް ކުޅުނު 37 މެޗުން 96 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. ލިވަޕޫލް އަތުން ބަލިވި ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނައިގައި 37 މެޗުން 63 ޕޮއިންޓާއެކުއެވެ.