ރާއްޖޭގެ ގިނަ އެތުލީޓުންނަށް އެންމެ ބޭނުންވާ އެއް ވަސީލަތް ކަމަށްވާ އައިސް ބާތު ކުރެވޭ ފެސިލިޓީއެއް ސޯޝަލް ސެންޓަރުގައި ޤާއިމުކޮށްފިއެވެ.

މިކަން އިއުލާން ކުރައްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

މިއީ އެތުލީޓުންގެ ރިކަވަރީއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އައިސް ބާތަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަމްރީންތަކަށް ފަހު ހަށިގަނޑުގެ ރިކަވަރީއަށް އެތުލީޓުން ކުރާ ކަމެކެވެ. އައިސް ބާތުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ރިކަރަވަރީ ރޭޓު އަވަސްކޮށްދެއެވެ.

ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެއް ގާއިމުކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މި ފެސިލިޓީގައި އެއްފަހަރާ ހަމީހުންނަށް ވަކިވަކިން އައިސް ބާތު ރިކަވަރީ ނެގޭނެއެވެ.

މިއީ ރާއްޖޭގައި އެތްލީޓުންނަށް ހާއްސަކޮށްގެން ފެންވަރު ރަނގަޅު ބާތު ފެސިލިޓީއެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.

މިއީ ރާއްޖޭގެ ގިނަ އެތްލީޓުންތަކެއްގެ ފޮނި ހުވަފެނެކެވެ. އަދި މީގެކުރިން އެއްވެސް ސަރުކާރަކަށް ނުވެ އޮތް ކަމެކެވެ.

އެތުލީޓުން ވަނީ މީގެކުރިންވެސް މިފަދަ ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައެވެ.