ކޮމަންވެލްތު ގޭމްސްއަކީ ދިވެހި އެތުލީޓުންގެ ހުނަރު ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި 2022 ވަނަ އަހަރު އޮންނަ ކޮމަންވެލްތު ގޭމްސްއަށް ދިވެހި އެތުލީޓުން ތައްޔާރު ވާނެކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް މިހެން ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް-19 ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށްގެންދިޔަ މި ފޯރަމްގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ ކުޅިވަރާބެހޭ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަމައެހެންމެ އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑްވެސް މި ފޯރަމްގައި ބައިވެރިވަޑައިގެންނެވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި މި ފޯރަމްގައި މިނިސްޓަރ މަޙްލޫފް އިތުރަށް ވިދާޅުވީ، ކުޅިވަރު ކުޅުމަށް ރަނގަޅު ފެންވަރުގެ ފެސިލިޓީސް ގާއިމްކުރުމާއި އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިންގ ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށްވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް މީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިދަތިތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލެވުނީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ އެތުލީޓުންނަށް ޓްރެއިނިންގެ ފުރުސަތުތައް ހޯދައިދިނުމަށާއި ކުޅިވަރުން ބޭނުންވާ ފަންނީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ކޮމަންވެލްތުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

މިއީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުނުފަހުން ސްޕޯޓްސް މިނިސްޓަރސް ފޯރަމެއްގައި ރާއްޖޭގެ ކުޅިވަރު ވަޒީރަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.