ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ކުއްލި އެހީއަށް، ޕަޕުއާ ނިއު ގިނީން އެދިއްޖެއެވެ.

ޕީ.އެން.ޖީން ޑަބްލިޔޫއެޗްއޯގެ އެހީއަށް އެދި މިގޮވާލީ، އެގައުމުގެ އާންމުންގެ ތެރޭގައި ބަލީގެ ވައިރަސް ފެތުރެމުންދާ ކަމުގެ ބިރު އުފެދުމާ ގުޅިގެންނެވެ.

ޕަޕުއާ ނިއު ގިނީން އެދިފައިވަނީ ޑަބްލިޔޫއެޗްއޯގެ އިމަޖެންސީ މެޑިކަލް ޓީމުތައް މަސްދުވަހުގެ މުއްދަތަށް އެގައުމަށް ފޮނުވައި ދިނުމަށެވެ.

ޕަޕުއާ ނިއު ގިނީއަކީ ޕެސިފިކްގައި ހިމެނޭ އެންމެ ފަގީރު އެއް ގައުމެވެ. އަދި އެގައުމަކީ ސިއްހީ ވަސީލަތްތައްވެސް ވަރަށް މަދު ގައުމެކެވެ.

ޕަޕުއާ ނިއު ގިނީން މިހާތަނަށް 30 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، މިދިޔަ އާދީއްތަދުވަހު އެ އަދަދު ހުރީ 11 ގައެވެ.

ކުއްލިއަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައިވާއިރު، ޕަޕުއާ ނިއު ގިނީން މިހާތަނަށް ގިނައިން ޕޮޒިޓިވް ވެފައިވަނީ ސިއްހީ އެހީތެރިންނެވެ.

މިކަމާގުޅިގެން، ކޮމިއުނިޓީ ސްޕްރެޑް އުޅޭކަމުގެ ބިރު އުފެދިފައިވާ ކަމަށް ޕަޕުއާ ނިއު ގިނީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެހެންކަމުން، އެގައުމުން ބޭނުންވަނީ ކޮމިއުނިޓީ ސްޕްރެޑަކާ ކުރިމަތިލުމަށް ތާއްޔުވުމާއި، އެކަމަށް މަސައްކަތް ކުރުމުގައި ޑަބްލިޔޫއެޗްއޯގެ މެޑިކަލް ޓީމުތަކުގެ އެހީތެރިކަމެވެ.

ޕަޕުއާ ނިއު ގިނީގެ ނޭޝަނަލް ޕެންޑެމިކް ރެސްޕޮންސް ކޮންޓްރޯލަރ ޑޭވިޑް މޭނިންގް ވަނީ، ވެރިރަށް ޕޯޓް މޯރސްބީގެ އިތުރުން، އެހެން ޕްރޮވިންސް ތަކުގައިވެސް ވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވެދާނޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑޭވިޑް މޭނިންގް ވިދާޅުވީ، ވެރިރަށް ޕޯޓް މޯރސްބީގެ ބޭރުން އެއްވެސް ހިސާބަކުން ބަލީގެ ޓެސްޓްތައް ނުކުރެވޭ ކަމަށެވެ. އެފަދަ ގާބިލްކަމެއް ސަރުކާރުގައި ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، ޑަބްލިޔޫއެޗްއޯއިން ކުރިންވެސް ގެންދިޔައީ ޕަޕުއާ ނިއު ގިނީއަށް ބައިނަލްއަގްވާމީ މެޑިކަލް ޓީމުތައް ފޮނުވުމަށް މަޝްވަރާތައް ކުރަމުން ކަމަށެވެ.

"ހަމަ އެއާއެކު، އަޅުގަނޑުމެން މިގެންދަނީ ޕީއެންޖީ ޑިފެންސް ފޯރސްއާވެސް ވާހަކަ ދައްކަމުން. އަދި ހެލްތު ޑިޕާޓްމަންޓާވެސް މިގެންދަނީ މަޝްވަރާކުރަމުން. އަޅުގަނޑުމެން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ވާހަކައަކީ"
ޑޭވިޑް މޭނިންގް

ޕަޕުއާ ނިއު ގިނީގައި ކޮވިޑް-19 ބަލި އާންމުކޮށް ފެތުރެމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، ބޮޑެތި އެހެން ބަލިތައް ކަމަށްވާ މެލޭރިއާ، ހަކުރުބަލި، އެޗްއައިވީ އަދި އެއިޑްސްއާއި، ޕޯލިއޯއަކީވެސް އެގައުމުގައި އާންމު ބަލިތަކެވެ.