ފުޓްބޯލް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިއާއަށްދޭ "މެންސް ފުޓުބޯލް ޕްލެޔާ އޮފް ދަ ޔާ" އެވޯޑް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއަށް ލިބިއްޖެ އެވެ.

30 އަހަރުގެ، އިނގިރޭސި ވިލާތުގެ މިޑްފީލްޑަރަށް މި އެވޯޑް ލިބުނީ ވޯޓު ދިން ފަރާތްތަކުގެ 4 ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓް ލިބިގެންނެވެ.

ހެންޑަސަންއަށް މި އެވޯޑް ލިބުނުއިރު އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ކުޅެމުން އަންނަ ލިވަޕޫލުން ވަނީ މި ސީޒަންގައި 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާރ ލީގުގެ ތަށި އުފުލާލާފައެވެ.

އެވޯޑް ލިބުމަށްފަހު ވާހަކަ ދަށްކަމުން ހެންޑާސަން ބުނީ އެވޯޑް ލިބުމުން އުފާވެ ޝުކުރުވެރިވާ ކަމަށާއި އެހެންނަމަވެސް މީ ހަމައެކަނި އޭނާގެ އެވޯޑެއް ނޫން ކަމަށެވެ. އަދި އޭނާއާއެކު މިއެވޯޑްގައި ބައިވެރިވާން ޖެހޭ އެތައް ބަޔަކު ތިބިކަމަށާއި އެކަމަކު އެންމެ ބޮޑު ހައްގެއް އެވޯޑުގައި ވަނީ އޭނާއާ އެކު ލިވަޕޫލްގައި ކުޅޭ ހުރިހައި ކުޅުންތެރިންނަށް ކަމަށެވެ. މީގެ އިތުރުން ހެންޑަސަން ބުނީ މިއެވޯޑާއި މި ހަވާލް ވަނީ ޓީމްގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ކަމަށާއި އޭނާ އެ މަގާމް ހައްގުވާ ކުޅުންތެރިއަކަށް ހަދައިދިނީ ލިވަޕޫލްގެ ކުޅުންތެރިން ކަމަށެވެ.

އެފްޑަބްލިއުއޭއިން 1948 ވަނަ އަހަރުން ފެށިގެން ދޭ މި އެވޯޑަކީ ވަކިވަކި ކުޅުންތެރިންނަށް އިނގިރޭސި ފުޓުބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަދުވަސްވީ އެއް އެވޯޑެވެ. ހެންޑަސަންއަކީ ލިވަޕޫލުން މި އެވޯޑް ހޯދި 12 ވަނަ ކުޅުންތެރިއާ އެވެ.

އެފްޑަބްލިއުއޭ އިން މިއަހަރު މި މަގާމު ހޮވުމަށް އެކުލަވާލި ލިސްޓުގެ ގަދަ 5 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހެންޑަސަންގެ އިތުރުން ދެވަނައިގައި މެންޗެސްޓާރ ސިޓީގެ ކެވިން ޑި ބްރޭނާ، ތިން ވަނައިގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް، ހަތަރު ވަނައިގައި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އަދި ފަސްވަނައިގައި ލިވަޕޫލްގެ ސާޑިއޯ މާނޭ އެވެ.

މި ސީޒަންގެ އަންހެން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާއަށް ދޭ "ވިމެންސް ފުޓްބޯލް ޕްލެޔާ އޮފް ދަ ޔާ"ގެ މަގާމް ހޯދާފައިވަނީ އާސެނަލްއަށް ކުޅެމުންދާ ނެދަލެންޑްސް ފޯވާޑް ވިވިއޭން މީޑޭމާ އެވެ.