އިޓާލިއަން ލީގުގައި އުދިނޭޒީ އަތުން ބަލިވެ ޖުވެންޓަސް ޖެހިޖެހިގެން 9 ވަނަ ފަހަރަށް ލީގުގެ ތަށި ހޯދުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

އުދިނޭޒީގެ ޑާސިއާ އެރީނާގައި ކުޅުނު މިމެޗުން ޖުވެންޓަސް ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި ފުރަތަމަ ލީޑުނެގީވެސް މެޗުން މޮޅުވެ ލީގުގެ ތަށި ދިފާއު ކުރުމުގެ ފުރުސަތު އޮތް ޖުވެންޓަސް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޖުވެންޓަސްގެ ފަރާތުން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 42 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅެމުންދާ އުމުރުން 20 އަހަރުގެ ނެދަލޭންޑްސްގެ މަތައިސް ޑިލީޓްއެވެ.

މެޗުގެ ކުރީކޮޅުގައި މޮޅު ކުލުމެއް ދައްކާ ޖުވެންޓަސްއިން ވަނީ އުދިނޭޒީގެ ގޯލަށް ގިނަ ހަމަލާތަކެއްކޮށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޕައުލޯ ޑިބާލާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސް ވަނީ ލަނޑުޖަހަން ރަނުގެ ފުރުސަތުތަކެއް ލިބިފައެވެ.

ދެވަނަ ހާފުގައި އުދިނޭޒީއިން ކުޅުން ރަނގަޅުކޮށް ޖުވެންޓަސްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު މެޗުގެ ނަތީޖާ އެޓީމުން ހަމަހަމަ ކުރުމެވެ.

ދެވަނަ ހާފު ފަށައިގެން 7 ވަނަ މިނެޓުގައި އެޓީމަށް މުހިންމު މިގޯލު ކާމިޔާބު ކޮށްދިނީ ކެން ސެމާ ނަގައިދިން ހުރަހަކުން އިލީއާ ނެޓޮރޯވްސްކީއެވެ.

މި މެޗުން އުދިނޭޒީ މޮޅު ކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތުނިމި ރެފްރީ ދެއްކި އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސެކޯ ފޮފާނާއެވެ.

މެޗުން ބަލިވި ނަމަވެސް ޖުވެންޓަސްއަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެބައޮތެވެ.

މިހާރު އޮތްގޮތުންވެސް ލީގުގައި ބާކީ އޮތް ތިންމެޗުން ޗެމްޕިއަންކަން ހޯދަން ޔުވެންޓަސްއަށް ބޭނުންވަނީ ތިން ޕޮއިންޓެވެ.

ތިން މެޗުން އެންމެ މެޗެއް ކާމިޔާބު ކޮށްގެންވެސް ނުވަތަ ތިން މެޗު އެއްވަރު ކޮށްލައިގެންވެސް 36 ވަނަ ފަހަރަށް ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު އެޓީމަށް އެބަ އޮތެވެ.

ޖުވެންޓަސްއަކީ މިތަށި އެންމެ ގިނަ ފަހަރު ހޯދާފައިވާ ޓީމެވެ. އަދި ޖެހިޖެހިގެން އެންމެ ގިނަ ފަހަރަށް ތަށި އުފުލާލާފައިވާ ޓީމުވެސް މެއެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ކާމިޔާބުކުރި 80 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް 35 މެޗުން 74 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އިންޓަމިލާން އޮތީ 35 މެޗުން ލިބުނު 73 ޕޮއިންޓާއެކުގައެވެ.

އަދި ޔުވެންޓަސް އަތުން ހޯދި މޮޅާއެކު ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ އުދިނޭޒީ މިހާރު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އެޓީމަށް 35 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.