ގެސްޓްހައުސްތަކުގެ ކަރަންޓުބިލާއި، ފެންބިލް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދީފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ގޭމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގެސްޓްހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އައިސްފައި އޮތުމުގެ ސަބަބުން ދިމާވި އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން ގެސްޓްހައުސްތައް އަލުން ހުޅުވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް ކަރަންޓުބިލާއި ފެން ބިލްތަކުގެ ޕެންޑިން އަދަދު ބޮޑުވެފައި އެކަމަށް އެކަށީގެންވާ ލުއިތަކެއް ލިބިފައިނުވާތީ ބައެއް ގެސްޓްހައުތަކުގެ ފަރާތުން މިކަން ގޭމްއަށް ހުށަހަޅާފައިވާ ކަމަށެވެ.

ގޭމްއިން ބުނީ މިކަމާ ގުޅޭގޮތުން ލުއިތަކެއް ހޯދައިދިނުމަށް ޓުއަރިޒަމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި، އެކަމަށް އެކަށީގެންވާ އިޖާބައެއް މިނިސްޓްރީގެ ފަރާތުން ދީފައިވާ ކަމަށެވެ.

އަދި މިމަހުގެ 23 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި އެކަމަށް އެކަށީގެންވާ ލުއިތަކެއް ހޯދައިދީފައިވާކަމަށް ގޭމްއިން ވަނީ ބުނެފައެވެ.

އެގޮތުން ކަރަންޓު ބިލްތަކާއި، ފެންބިލްތަކުގެ ތެރެއިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖުލައި މަހާއި ހަމައަށް ނުދައްކާހުރި ބިލްތަކަށް ދައްކަންޖެހޭ ފައިސާ، މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 6 މަހުގެ މުއްދަތަށް ބަހާލަދިނުމަށް މި ބައްދަލުވުމުގައި ބައިވެރިވި ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާކަމަށް ގޭމްއިން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު މިމަހުގެ 15 ދުވަހު އަނެއްކާވެސް ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއާއެކު ގެސްޓްހައުސްތަކުން ގެންދަނީ އެތަންތަން ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.