އެކިއެކި ސަބަބުތަކާއިހުރެ ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި ވީނަމަވެސް ވީއެންމެ އަވަހަކަށް މަސައްކަތް ފެށޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.

އަތޮޅުތެރޭގެ ފުޓްބޯޅަ ދަނޑުތައް ރަގަޅު ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ށ.ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އާކާ އިންވެސްޓްމަންޓާއި ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށް 31 ޑިސެންބަރ2019 ގައެވެ. އެހެންނަމަވެސް އެކުންފުނިން ދަނޑުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

ފުނަދޫ ފުޓްބޯޅަދަނޑުގެ މަސައްކަތް ނުނިމި ދިގުލަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ވީނިއުސްއާ ހިއްސާކުރި ޒުވާނުން ބުނީ، ދަނޑުގެ މަސައްކަތް ފަށައި، ނުނިމި އޮތުމުން ދަނޑުގައި މިހާރު ކުޅެލަން އޮންނަނީ ކުޑަ ތަންކޮޅެއްކަމަށެވެ.

ގިނަ ޒުވާނުންތަކެއް ފުޓްބޯޅަ ކުޅެން ބޭނުންވި ނަމަވެސް އެއްފަހަރާ ކުޅެން އެރެނީ 9 ވަރަކަށް ކުޅުންތެރިންނަށް ކަމަށެވެ. އަދި ދަނޑުގައި ވަޅުގަނޑުތައް ހެދިފަހުރުމުން ކުޅޭއިރު އުދަނގޫތަކެއް ކުރުމަތިވާ ކަމަށް އެމީހުން ބުނެއެވެ.

މިކަމާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ވީނިއުސްއަށް ވިދާޅުވީ، މަސައްކަތް ހުއްޓިފައިއޮތީ ކޮވިޑްއާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.

ދަނޑު ހެދުމަށް ގެނެސްފައިހުރި ހެވީ ވެހިކަލްތައްވެސް މިހާރުވނީ ރަށުން ބާލާފައެވެ.

އަހްމަދު އިބްރާހިމްފުޅު ވިދާޅުވީ ދަނޑުގެ މަސައްކަތް ޖުލައި 15 ގައި ފަށާނެކަމަށް އެ ކުންފުނިން ބުނެފައިވާކަމަށް މިނިސްޓްރީން ކައުންސިލްއަށް އަންގާފައިވާ ކަމަށެވެ.

އެހެންނަމަވެސް ދަނޑުގެ މަސައްކަތް އަދިވެސް ފަށާފައެއް ނުވެއެވެ.

ފުނަދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ބުނީ، ތަފާތު ސަބަބުތަކާއި ހުރެ ދަނޑުގެ މަސައްކަތް ހުއްޓިފައި ވާކަމަށާ، ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭނެ ގޮތެެއް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް މަސައްކަތް ފެށޭނެ ވަކި ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ފުނަދޫ ފުޓްބޯޅަދަނޑު ރަގަޅު ފެންވަރަކަށް ހެދުމަކީ މިއަހަރުގެ ބަޖެޓްގައިވެސް ހިމެނިފައިވާ މަސައްކަތެކެވެ.