ތުރުކީގެ އިސްތަމްބޫލްގެ ސުލްތާނަހްމެޓް މައިދާނުގައި ހުންނަ ތާރީޚީ މަޝްހޫރު ބިނާ ހާޔާ ސޮފީޔާ ނުވަތަ ހާގިއާ ސޮފާޔާ މިސްކިތަކަށް ބަދަލުކުރުމަށްފަހު އެތަނުގައި މިއަދުވަނީ ފުރަތަމަ ފަހަރަށް ހުކުރު ނަމާދުކޮށްފައެވެ.

މިއަދުގެ ހުކުރު ނަމާދުގައި ތުރުކީގެ އެތައްހާސް އާންމުން ބައިވެރިވިއިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ އިތުރުން، ސަރުކާރުގެ ސީނިއަރ އެތައް ވަޒީރުންވެސް ހުކުރު ނަމާދުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.

ހުކުރު ނަމާދަށް ވަޑައިގެންނެވިއިރު ރައީސް އުރުދުޣާންއާއި، ކެބިނެޓް ވަޒީރުން ތިއްބެވީ ހުދުކުލައިގެ މާސްކް އަޅުއްވައިގެންނެވެ. އަދި އާންމުންވެސް ތިބީ މާސްކް އަޅައިގެންނެވެ.

މިސްކިތުން ޖާގައެއް ލިބޭތޯ ބައެއް އާންމުން ރޭއްސުރެ ތިބީ ކިޔޫހަދައިގެންނެވެ. ހުކުރު ނަމާދަށްދިޔަ މީހުންނާއިގެން މިސްކިތާއި، މިސްކިތުގެ ގޯތިތެރެވެސް އޮތީ ފުރި ބާރުވެފައެވެ. މިކަމާހެދި ފުލުހުންނަށް ޖެހުނީ ވަކި ހިސާބަކުން މީހުން ހުއްޓުވާށެވެ.

ހުކުރު ނަމާދަށް ފެށުމުގެކުރިން އެންމެންވެސް ކީރިތި ޤުރުއާން ކިޔަވަން ވަގުތު ހޭދަކުރިއިރު، ތުރުކީގެ ރައީސްވެސް ޤުރުވާން ކިޔަވާ ވިދާޅުވިއެވެ.

ހާޔާ ސޮފީޔާއިން މެންދުރަށް ބަންގި ގޮވުމާއެކު އެ އިމާރާތް ތާރީޚްގެ ތެރެއަށް ވަދެގެންދިޔައެވެ. މިއީ، 86 އަހަރުގެ ދިގު ތާރީޚަކަށްފަހު ހާޔާ ސޮފީޔާއިން ބަންގީގެ އަޑު އިވިގެންދިޔަ ފުރަތަމަ ފަހަރެވެ.

ބަންގީގެ އަޑާއެކު އާންމުންގެ ހިތްތައް އުފަލުން ފޮޅިގެންދިޔަ ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މުސްލިމުންނާއި، ކްރިސްޓިއަނުން އެކި ޒަމާންތަކުގައި ބޭނުންކުރި ހާޔާ ސޮފީއާ އިމާރާތުގެ ތާރީޚް 1،500 އަހަރަށް ދެމިގެންދެއެވެ. ކްރިސްޓިއަން ފައްޅިއެއްގެގޮތުގައި އެ އިމާރާތް 900 އަހަރު ބޭނުންކުރެވުނެވެ.

އައްބާސީ ޚިލާފަތުގެ ދުވަސްވަރު އެތަން ހިފައި 1934 ވަނަ އަހަރާ ހަމައަށް އެ އިމާރާތްހުރީ މިސްކިތެއްގެ ގޮތުގައެވެ. ނަމަވެސް، އޭގެފަހުން، އައްބާސީ ޚިލާފަތް ރޫޅި، އެ ޚިލާފަތުގެ ދަށުގައި ހުރި ސަރަހައްދުތައް ވަކިވަކި ގައުމުތަކަށް ބަދަލުކުރިއިރު އުފެދުނު ތުރުކީވިލާތުގެ ވެރިޔަކަށް އައި މުސްތަފާ ކަމާލް އަތާތުރުކުވަނީ އަޔާ ސޮފީއާ ދާރުލް އާޘާރަކަށް ބަދަލުކޮށްފައެވެ.

އޭގެ 86 އަހަރުފަހުން އާޔާ ސޮފީޔާ އަނެއްކާވެސް މިވަނީ މިސްކިތަކަށް ބަދަލުކޮށްފައެވެ.

ހާޔާ ސޮފީޔާއަށް ދީފައި އޮތް ދާރުލް އާޘާރެއްގެ ދަރަޖަ ތުރުކީގެ އެންމެމަތީ ކޯޓުން މިމަހު ބާތިލްކުރުމާއެކު އެ އިމާރާތް މިސްކިތަކަށް ބަދަލު ކުރެއްވުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަގުތުން ރިޔާސީ ގަރާރެއް ނެރުއްވައި އެ އިމާރާތް މިސްކިތަކަށްވަނީ ބަދަލު ކުރައްވާފައެވެ.

މިއަދުގެ ހުކުރު ނަމާދަށް މިސްކިތަށާއި، މިސްކިތްހުރި މައިދާނަށް ޖަމާވަމުންދިޔައިރު މެދުނުކެނޑި ދިޔައީ "ﷲ އަކްބަރް" ގޮވަމުންނެވެ.

ރަޖަބް ތައްޔިބް އުރުދުޣާންގެ 17 އަހަރުގެ ވެރިކަމުގައި އިސްލާމްދީނަށް ނަސްރުދިނުމަށާއި، ދީން ކުރިއަރުވަން އެތައްކަމެއް ކުރައްވާފައި ވެއެވެ. ތުރުކީގެ ގިނަމީހުން ދެކެނީ އުރުދުޣާންއަކީ އިސްލާމްދީނުގެ ޗެމްޕިއަނެއްގެ ގޮތުގައެވެ.

އުރުދުޣާންވަނީ ތުރުކީގައި އާންމުކޮށް ބުރުގާއަޅައިގެން އުޅުން ހުއްދަ ކުރައްވާފައި، ދީނީ ތައުލީމު ފަތުރުއްވައި، ތުރުކީގެ ދައުލަތް ޒަމާނީ ކުރައްވައި ގައުމު ތަރައްގީ ކުރައްވާފައެވެ.

އެހެން ނަމަވެސް، ހާޔާ ސޮފީޔާ މިސްކިތަކަށް ބަދަލުކުރުމާ ގުޅިގެން ކްރިސްޓިއަން ފައްޅިތަކުގެ ފާދިރީންވަނީ އެކަން ވަރަށް ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައި ވެއެވެ. އެމީހުން ބުނަނީ، ހާޔާ ސޮފިޔާ ހަމައެކަނި މުސްލިމުންނަށް ޚާއްސަ ކުރުމަކީ ދީނީގޮތުން ބައިބައިވުން އުފެދޭނޭ ކަމެއް ކަމަށެވެ.