ކޮވިޑް19ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިމަހުގެ 1 ގައެވެ. އެހެންނަމަވެސް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދެނީ ގްރޭޑް 9 ން 12 ގެ ދަރިވަރުންނަށެވެ. އަންނަމަހުގެ 16ގައި ގްރޭޑް 7، 8 ގެ ދަރިވަރުންނަށް ކިޔަވައިދޭން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ކޮވިޑް ކޭސްތައް ފެންނަލެއް ވަކި މަދެއް ނޫނެވެ. މި ސަބަބާހުރެ ބައެއް ބެލެނެވެރިން ދަރިވަރުން ސްކޫލުތަކަށް ފޮނުވަން ޖެހިލުންވެއެވެ. އެހެންނަމަވެސް މިއީ މިކަމަށް އޮތް ހައްލުތޯ ސުވާލު އުފެދެއެވެ.

މުޖުތަމަޢުގެ ތެރޭގައި އާލާކުރަން ބޭނުންވާ ސިފަތައް އެންމެ ރަގަަޅަށް އަށަގެންނުވޭނީ ސްކޫލުތަކުގެ ތެރެއިންނެވެ. އެހެންކަމުން ދަރިވަރުން ސްކޫލުތަކަށް ދިޔުމަކީ މުހިންމުކަމެކެވެ. އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކާވެސް އެއީ ކުރަން ޖެހޭކަމެކެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ ސްކޫލުތަކުން އިޖުތިމަޢީ އަދި ނަފްސާނީ ގޮތުން ދަރިވަރުންނަށް ދިމާވާ ބޮޑެތި އެތަކެއް މައްސަލަތަކަށް މީގެ ކުރިންވެސް ހައްލު ހޯދައިީފައިވާކަމަށެވެ.

އެކަމަށްޓަކައި ޓީޗަރުން ތަމްރީނުވެފައިވާއިރު، މިހާރު ދިމާވެފައިވާ ހާލަތަށްވެސް ޓީޗަރުން ވަނީ ތަމްރީނުކުރެވިފައިކަމަށާއި އެހެންކަމުން ދަރިވަރުންނަށް ޓީޗަރުންގެ އެހީތެރިކަން ބޭނުންވާކަމަށެވެ.

ލޮކްޑައުނެއްގައި އެތައް މަސްތަކެއް ވަންދެން ގޭގައި ތިބުމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވާ ޑެޕިޔުޓީ މިނިސްޓަރ އިހުސާން ވިދާޅުވީ އެކުދިންނަށް އިޖުތިމާޢީ ގޮތުން އުޅެންވީ ގޮތް ކިޔައިދީ، ނަމޫނާގ ދައްކައިދީ އެހީތެރިކަން ދޭން ޖެހޭކަމަށާއި އެކަން ވާނީ ސްކޫލުތަކުންކަމަށެވެ.

އެކަމަށް ޓީޗަރުންނަށް ޚާއްސަ ތަމްރީނުތަކެއްވެސް ދީފައިއެވަނީ. އެކުދިން ގޭޓުން އެތެރެއަށް ވަނުމާއިއެކު އެކުދިންގެ ކަންތައް ވަރަށް ގާތުން ޓީޗަރުން މޮނިޓަރކުރަމުންދާނީ. އެކުދިންނަށް ވައިރަސްއާއިއެކު އުޅެން ދަސްކޮށްދޭންޖެހޭ. އަދި އެއާއިއެކު އިޖުތިމާޢީ ގޮތުންނާއި ނަފްސާނީ ގޮތުން އެކުދިން ދުޅަހެޔޮކޮށް ތިބުމަށްޓަކާވެސް ސްކޫލުތަކަށް ފޮނުވަންޖެހޭ
ޑެޕިޔުޓީ މިނިސްޓަރ އިހުސާން

ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވީ މިހާލަތުގައި އެކުދިންނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ދިމާވިކަމުގައި ވިޔަސް އެ އުނދަގޫތަކާއިއެކު އުޅެން އެކުދިން ދަސްކުރަންޖެހޭކަމަށެވެ.

މުޖުތަމަޢުގެ ތެރޭގައި އާލާކުރަން ބޭނުންވާ ސިފަތައް އެންމެ ރަގަަޅަށް އަށަގެންނުވޭނީ ސްކޫލުތަކުގެ ތެރެއިންކަމަށްވާއިރު މިކަން އެންމެ ތަރުތީބުން ކުރެވޭނީ ސްކޫލުތަކުންކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ސްކޫލުތަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުނުކަމުގައިވިޔަސް އެއީ ސްކޫލުތަކުން ބަލި ޖެހުންކަމަށް ނުދެކުމަށާއި އެކުދިންނަށް ސްކޫލުތައް ރައްކާތެރިކަމަށްވެސް

އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހިމް ވަހީދު ވިދާޅުވީ ސްކޫލު ނުހުޅުވި އެހާ ގިނަ ދުވަސްވެގެން ދިޔުން އެއީ އެންމެ ހިތްދަތިވި އެއްކަންތައްކަމަށާއި ކުދި ކުދި ތަންތަނުގައި ދިރިއުޅޭއިރު އެކުދިންނަށް ނަފްސާނީގޮތުން ގިނަ އަސަރުކުރާނެކަމަށެވެ. އެހެންކަމުން ސްކޫލަށް ގޮސް އެކުވެރިންނާއި ވާހަކަ ދައްކާލަން އެކުދިން ބޭނުންވާނެކަމަށްވެސް ވިދާޅުވިއެވެ.

ރިންޒީ ވިދާޅުވީ އެހެންކަމުން އެކުދިން ސްކޫލަށް ދިޔުމުން އެއްކުއްޖަކު އަނެއްކުއްޖަކަށް ދިމާވެ، ވާހަކަދައްކާލާނެ ފުރުސަތު ދޭކަމަށާއި، ރައްޓެހިންނާ ވާހަކަ ދައްކާލުމުން އެކުދިންގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުން އެކުދިން އެކަން ކިހާ ބޭނުންވާކަން އެނގިގެންދާކަމަށެވެ.

އަދި ސްކޫލުތަކަށް ދަނީ ހަމައެކަނި ކިޔަވަން ނޫންކަމަށާއި ކިޔަވައިދިނުމާއިއެކު ހުރިހާ ކަމެއް ދަސްވެގެން ދަނީ ސްކޫލުގެ ތެރެއިންކަމަށްވެސް ރިންޒީ ވިދާޅުވިއެވެ.

ފުރަތަމަކޮޅު އެކުދިން ކައިރީ ބުނަންޖެހޭ ގައިދުރުކަން ބަހައްޓަން، އެކަމަކު މިހާރު އެހެން ބުނާކަށް ނުޖެހޭ. އެކުދިން ގްރޫޕެއްގެ ތެރޭގައި ވާހަކަދައްކަން ތިބޭއިރުވެސް އެކުދިން ތިބެނީ ގައިދުރުކަން ބަހައްޓައިގެން. ބުނާކަށް ނުޖެހޭ. އެހެންވީމަ އެކުދިންނަށް މިފަދަކަންތައް މި ދަސްވަނީވެސް ސްކޫލުގެ ތެރެއިން. ގޭތެރެއަކުން ނޫން
ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ

އައު އާންމު ހާލަތުގައި ކިޔަވައި ދޭން މިމަހުގެ 1 ގައި ފަށާފައިވާއިރު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައިވެސް އެޗްޕީއޭގެ އިރުޝާދާއި އެކު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

ސްކޫލުތަކަށް ދަރިވަރުން ފޮނުވުމުގައި ބައެއް ބެލެނެވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަން ސްކޫލުތަކުން ފާހަގަކުރާއިރު ބައެއް ބެލެނެވެރިން ދަރިވަރުން ސްކޫލުތަކަށް ފޮނުވުމަށް ޖެހިލުންވެއެވެ.

މިކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީންވެސް އަދި ސްކޫލުތަކުންވެސް ދެނީ އެއް މެސެޖެކެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި ސްކޫލުތަކަށް އިތުބާރުކުރުމަށެވެ. އެ ފަރާތްތަކުގެ އެންމެ މުހިންމުކަމަކީ ދަރިވަރުންގެ ރައްކާތެރިކަން ކަމަށްވާއިރު އެންމެ ފުރަތަމަ މުހިންމު ވާނީވެސް ދަރިވަރުންކަމެވެ.

ސްކޫލުތަކަކީ ރައްކާތެރިތަންތަންތަންކަމެވެ. އެކުދިންނަށް ގޭތެރެއިން ދަސްނުވާނެ އެތައްކަމެއް ސްކޫލުތަކުން ދަސްވާނެކަމެވެ. އިޖުތިމާޢީގޮތުން އަދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކާވެސް އެކުދިން ސްކޫލަށް ދާންޖެހޭކަމެވެ. އެހެންކަމުން ސްކޫލުތަަކަށް ފޮނުވައިދިނުން މުހިންމުކަމެވެ.