ދިރާގުން އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި 157 މިލިއަން ރުފިޔާ ބަހަން ނިންމައިފިއެވެ.

ދިރާގުން ބުނީ ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ހާސިލްކުރެވުނު މާލީ ނަތީޖާއަށް ފާހަގަކުރެވޭވަރުގެ ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ އެއްވަނަ ކުއާޓަރާއި އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ 25 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ދިރާގުން ބުނެއެވެ.

ކުންފުނީގެ ވިޔަފާރީގެ މުހިއްމު ހުރިހާ ދާއިރާއަކުންވެސް ލިބުނު ފައިދާ ދަށަށް ގޮސްފައިވާކަން ފާހަގަކޮށް ދިރާގުން ބުނީ، ކުންފުނީގެ ފައިދާއަށް މިހާބޮޑު އަސަރެއް ކޮށްފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަމަށް ހުއްޓުމެއް އައިސްފައިވާތީކަން ފަހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެކުންފުނީގެ ސާފު ފައިދާ 49 އިންސައްތައިން ދަށްވެފައިވާ ކަމަށާއި، ހިއްސާއަކަށް ޖެހޭ މިންވަރުވެސް ފާއިތުވި ކުއާޓަރާ އަޅާބަލާއިރު 50 އިންސައްތައިން ދަށްވެފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މިފަދަ ވަގުތުތަކުގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރަނީ ހަމަހަމަގޮތެއްގައި މުސްތަގްބަލްގެ އިންވެސްޓްމެންޓުތައް ރާވައި، ކުންފުނީގެ މާލީހާލަތު ވަރުގަދަކޮށް، ކުންފުނީގެ ހިއްސާދާރުންނަށް ދެނެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދޭނެ ގޮތް ފަހިކުރުމަށް ކަމުގައެވެ.

މިހުރިހާ ކަމަކަށް ރިއާޔަތްކުރުމަށްފަހު 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް 157.320،000ރ. ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އިންޓަރިމް ޑިވިޑެންޑު ބަހަނީ ހިއްސާއަކަށް 2.07ރ. ގެ ރޭޓުންނެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ 1 އާއި ހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް އިންޓަރިމް ޑިވިޑެންޑް ބަހަން ނިންމާފައިވަކަމަށް ދިރާގުން ބުނެއެވެ.