މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 6 ޖެހިއިރު ބޭއްވި މި ރަސްމިއްޔާތަކީ ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާފައިވާ ރަސްމިއްޔާތެކެވެ.

މާލޭގައި ދިދަ ނެގުމަށްޓަކާ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ.

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާރޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މިރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއިގުޅޭ ޚާއްސަ ދުޢާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުޢާ ކޮށްދެއްވާފައިވަނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމްގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.