ސިޔާސީކަންކަމުގައި ޚިޔާލު ތަފާތުވިޔަސް ކޮންމެކަމަކީ ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫންކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެކަމަށެވެ. އަދި ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއެކު ކުރި މަސައްކަތުންކަމަށާއި އެހެންކަމުން ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީވެސް ސުލްހައިގެ މަތީގައިކަމުގައި ވިދާޅުވިއެވެ.

ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މި އަސާސްގެ މަތީގައިކަމަށާއި މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެންކަމުގައި ރައީސް ވިދާޅުވިއެވެ.

ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެކަމަށެވެ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، މުޅި ޤައުމަށް. ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން.
ރައީސް

ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނުއިރު، ތަރައްޤީގެ ސަމުގާއިން، ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށްކަން، ދިވެހިންގެ ތެރެއިން އެކަކަށްވެސް އޮޅިގެން ނުވާނެކަމަށާއި މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށްކަމަށެވެ.