މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނުއިރު، ތަރައްޤީގެ ސަމުގާއިން، ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށްކަން، ދިވެހިންގެ ތެރެއިން އެކަކަށްވެސް އޮޅިގެން ނުވާނެކަމަށެވެ. އެހެންކަމުން މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ޤައުމު ކުރިއަރުވައި ތަރައްޤީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށްކަމަށާއި އެކަން ހާސިލުކުރެވޭނީ، ތަރައްޤީއަކީ ތިމާގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމަށް ޤަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެންކަމަށް ވިދާޅުވިއެވެ.
ޙަޤީޤީ ދިރިއުޅުމަކީ، ފަސްމަގުގެ މޯހިރަށް ގެއްލިގެންދާ ދުވަހަށްވުރެ، ކުރިމަގުގެ އުދަރެހުން އަލިވިލޭ ކޮންމެ ދުވަހަކާއެކު، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އައު ބަދަލުތަކަށް އުންމީދުކުރެވޭ ދިރިއުޅުންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ޤައުމީ ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް، ވަރަށް ހަލުވިމިނެއްގައި ތަރައްޤީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެންކަމަށެވެ. ޤައުމީ ތަރައްޤީގެ ސިޔާސަތުގައި، މީހުން ބިނާކުރުމަށް ޚާއްސަ އިސްކަމެއް ސަރުކާރުން ދެނީ، މި ސަބަބަށްޓަކައިކަމަށާއި ޤައުމުގެ އިޤްތިސާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް ޢަޒުމެއްގައި މަސައްކަތްކޮށް، މި ނަތީޖާ ޙާސިލުކުރުމަކީ މާ އުނދަގޫ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްޤީކުރި ދެ ސިނާޢަތެއްގެ މައްޗަށްކަމަށެވެ. ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއްކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްޤީކޮށް، ދުނިޔޭގެ މަޤްބޫލުކަން ހޯދާފައިވާ ސިނާއަތެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ މިއަދު އާ ރޫހެއްގައި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރަންވީ ވަގުތުކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދިވެހިން މިނިވަން ދުވަސް ފާހަގަ މި ކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކުގައިކަމަށާއި އަދި ކުރިމަގަށްޓަކައި ކުރާ ވަރަށް ފޮނި އުންމީދުތަކަކާއެކުގައިކަމަށެވެ. ނަމަވެސް، މިނިވަންކަމުގެ ދަތުރުގައި، މިހާރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށްތޯ ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.