ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ މައި ބޯޑަރު ބަންދުކޮށް، އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައި އޮންނަ ސިނާއަތްކަަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓުމަކަށް ގެނުވާފައެވެ. މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރުމާއި ގުޅިގެން އިގްތިސޯދީ ހުރިހާ ހަރަކާތެއްހެން އޮތީ ހުއްޓުމަކަށް އައިސްފައެވެ. މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ރާއްޖެއިން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ކުޑަވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ލޮކްޑައުންއަށް ލުއިތަކެއްދީ، މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ މައި ބޯޑަރު ހުޅުވާލައި އަނެއްކާވެސް ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލިއެވެ.

އެދުވަހުން ފެށިގެން މަދުމަދުން ނަމަވެސް އެކި ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދިޔަ ނަމަވެސް ފަތުރުވެރިކަން ރަނގަޅުވާނީ ރާއްޖެއަކީ މިވަގުތު ފަތުރުވެރިން އައުމަށް ރައްކާތެރި ގައުމެއްކަމުގެ ޔަގީންކަން އެހެން ގައުމުތަކަށް ލިބިގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިނިވަން ދުވަހާއި ގުޅިގެން އެމަނިކުފާނު ދެއްވި ޚިޠާބުގައެވެ.

ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ޚިޠާބުގައި ވިދާޅުވީ އިގްތިޞާދީ ގޮތުން ކުރިއަށް އޮތީ ދަތި އުންދަގޫ ދުވަސްތަކެއް ނަމަވެސް އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށެވެ. އެހެންނަމަވެސް މިކަން ހާސިލްކުރެވޭނީ ބޭރު ގައުމުތަކުގެ ފުރިހަމަ އިތުބާރު ރާއްޖެއަށް ލިބިގެންކަމަށާއި، ޑޮކްޓަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުން މުހިއްމު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް މިވަނީ އަލުން ހުޅުވައިލެވިފައި. ނަމަވެސް އިޤްތިޞާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައުން. ނަމަވެސް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ޤައުމެއްކަމުގެ އިތުބާރާއި ޔަޤީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، އަޅުގަނޑުމެންގެ މި އުންމީދު ޙާޞިލެއް ނުވާނެ. އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ޢަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ފޮޓޯ: ރައީސް އޮފީސް

ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުވަން އެންމެ ބޮޑަށް މަގުފަހިވެގެންދާ އެއްކަމަކީ އެ ގައުމެއްގެ އިގްތިޞާދަށް ކުރިމަތިވާ ހީނަރުކަންކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމެއްގެ އިގްތިސޯދެއް ނެތް ކަމުގައިވާނަމަ އެގައުމެއްގެ މިނިވަންކަން އަބަދުވެސް ދާނީ ނުރައްކަލުގެ މިސްރާބަށް ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ގައުމުގެ މިންވަންކަން ރައްކާތެރިކުރުމަކީ އެމަނިކުފާނުގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ޙިމާޔަތްކުރާނީވެސް، ސުލްޙަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ހާރިޖީ ގުޅުންތަކުގެ ތެރެއިންކަމަށް ރައީސް ސޯލިހު ވިދަޅުވިއެވެ.

ޤައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިޤްތިޞާދަށް ކުރިމަތިވާ ހީނަރުކަން. ޤައުމުގެ އިޤްތިޞާދުގައި ދިރުމެއް ނެތީވިއްޔާ، އެ ޤައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރާނީވެސް، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިން. މިނިވަން ޤައުމެއްގެ އުފަލާއި ފަޚުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، އެހެން ޤައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު މިވަނީ އިތުރުވެފައި.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް ސޯލިހު

މީގެ އިތުރުން މި ހާލަތުގައި ގައުމުގެ އިގްތިސޯދު ކޮޅަށް ޖެހުމުގައި އެންމެން ނިކުމެ މަސައްކަތްކުރުމަށް ރައީސް ސޯލިހު ގޮވައިލެއްވިއެވެ. ވަކިން ހާއްސަކޮށް މިކަމުގައި ޒުވާނުންނާއި އަންހެނުންގެ ދައުރު ފުޅާކުރުމަށާއި، ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ ޤުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފެށުން މުހިއްމުކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.