ދިވެހި ދިދަ ހުންނަންވީ ގޮތް ބަޔާންކޮށް ވަޒީރުންގެ މަޖްލީހުން ފާސްކޮށްފައިވާގޮތުގެ ބަޔާނެއް ވަޒީރުލް އައުޒަމްގެ އޮފީހުން ނެރިފައިވަނީ 1965ގައެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން މިހާރު ރާއްޖޭގައި ބޭނުންކުރަމުންދާ ގައުމީ ދިދަ މިގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 26 ސެޕްޓެންބަރު 1965ގައެވެ.
އޭގެފަހުން ދިވެހި ދިދައާ ބެހޭ ގަވާއިދެއް ހެދި، ތަންފީޒު ކުރެވެން ފެށީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1989 ގެ މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.
އޭރުއްސުރެ އެކަމަށް ޚާއްސަ ގަވާއިދުތަކެއް ކަނޑައެޅި، ވަކި އުސޫލުތަކެއްގެ ދަށުން މިހާރު މި ބޭނުންކުރާ ގޮތަށް ދިދަ ބޭނުން ކުރަމުންދާއިރު ދިދައިގެ ބޭނުން ކުރެވޭނެ ގޮތްތަކާއި ހާލަތްތައްވެސް ވަަރަށް ތަފްސީލުކޮށްވަނީ މި ގަވާއިދުތަކުގައި ބަޔާންކޮށްފައެވެ. އެކިފަހަރުމަތިން ގަވާއިދަށް އިސްލާހުގެނެސް، ހަރުދަނާ އުސޫލުތަކެއްވެސް ދިދައިގެ ގަވާއިދަށް ގެނައެވެ.
އެންމެ ފަހުން މިފަދަ އިސްލާހުތަކާއިއެކު ގައުމީ ދިދައިގެ އުސޫލަށް ބަދަލުގެނައީ 2017ވަނަ އަހަރުއެވެ.
ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތުމަށްޓަކައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީ ގޮތާއި ދިދަ ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންގަނޑުތައް މި އުސޫލުގައި ކަނޑައަޅާފައިވާއިރު އަނދިރި ވަގުތު ދިދަ ނަގާފައި ބަހައްޓަންޖެހޭނީ ދިދަ ރީއްޗަށް ފެންނާނެހެން އަލިކޮށްފައިކަމަށް ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގައި އެންމެ ފާހަގަކޮށްލެވޭކަމަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި، ޤައުމީ ދިދައަށް ވުރެ އުހަށް އެހެން ދިދައެއް ނެގުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައި އޮތް އޮތުމެވެ.
މިއަދު މި އުސޫލު ވުޖޫދުގައި ނެތެވެ. އެފަދަ ގަވާއިދެއް ނެެތެވެ. 2017 މާރޗް މަހުގެ 8 ވަނަ ދުވަހު އަމަލުކުރަންފެށި، ޤައުމީ ދިދަ ބޭނުންކުރުމާއި ގުޅޭ އުސޫލުވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 17ގައި އުވާލާފައެވެ.
އުސޫލު ބާތިލުކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ގައުމީ ދިދައަކީ ގައުމެެއް ރަމްޒުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު އެކަމަށް ޚާއްސަ އުސޫލެއް ނުވަތަ ގަވާއިދެއް އޮތުމަކީ މުހިންމުކަމެކެވެ.
ދިވެހިރާއްޖޭގެ އެންމެ ފަޚުރުވެރި ރަމްޒުކަމުގައިވާ ދިވެހި ގައުމީ ދިދައާ ބެހޭ އުސޫލެއް އޮތުމުގެ މުހިންމުކަމާއިމެދު ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއްވަން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޑރ އަޝްރަފް އަބްދުއްރަޙީމް ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ ދިދައިން ރަމްޒުކޮށްދެނީ އެ ގައުމަކީ މިނިވަން، މުސްތަގިއްލު، އަމިއްލަ ވެރިކަމެއް އޮތް، އަމިއްލަ ބަހާއެއްގެ މައްޗަށް ބިނާވެފައިވާ އަމިއްލަ އުޅުންތަކަކާއި ގުޅުންތަކެއް އެކުލެވޭ ބަޔަކު ދިރިއުޅޭ ގައުމެކަމެވެ. އެހެންކަމުން މިފަދަ މުހިންމު އެއްޗަކަށް ދިދަ ވާއިރު ދިވެހި ދިދައަށް ހިތުހުރި ގޮތެއް ހެދުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.
ދިދައާއި ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް އުވާލުމަކީ ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ޑރ އަޝްރަފްވަނީ ފާހަގަކުރައްވާފައެވެ.
އިޖުތިމަޢީ ދާއިރާގައި، އަދި ލިޔުންތެރިއެެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމުގައިވާ އަހްމަދު ޝިޔާމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދިދަ ބޭނުންކުރަނީ ވަރަށް އިޚްތިރާމާއިއެކުކަމަށާއި ރާއްޖެއިން އެކަން މިހާރު ނުފެންނަކަމަށެވެ. ޚާއްސަކޮށް ދިދައާއި ބެހޭ އުސޫލެއް ކަނޑައެޅިފައި އޮއްވާ އެ އުސޫލު އުވާލުމަކީ ދިވެހިންނަށް ލިބިގެންދާ ދެރައެއްކަމަށެވެ.
މިއަދު މި ރާއްޖޭއިން ފެންނަނީ ގައުމީ މުނާސަބަތުތަކުގައި ވެސް އެމީހަކު އެންމެ ތާޢީދުކުރާ ޕާޓީއެއްގެ ކުލައިގެ ޓައީ ބޭނުން ކުރާތަންކަމަށާއި ދިވެހި ދަރިންގެ ހައިސިއްޔަތުން މިއީ ވަރަށް ދެރަވާންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން މިނިވަންވީތާ 55 އަހަރުފުރުން ފާހަގަކޮށް މިނިވަންކަމުގެ ވާހަކަދައްކާއިރު ކޮންމެކަމަކީ މިނިވަންކަންކަމަށް ނިންމައިގެން ތިބެވެންނެތެވެ. ކިތަންމެ މިނިވަންވިޔަސް އެގައުމެއް، ގައުމެއްގެ ގޮތުގައި އޮތުމަށްޓަކާ ހިފަހައްޓަންޖެހޭ ހަމަތަކާއި އުސޫލުތަކެއްވެއެވެ. ގައުމަށްޓަކާވާ ލޯބި ދުލުންނާއި އަމަލުން ދައްކާނަމަ ގައުމީވަންތަކަމަށްވެސް އިޚްތިރާމްކުރަންޖެހެއެވެ. ކޮންމެކަމަކަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ބޯލަނބަންވެސް ޖެހެއެވެ. އެ އުސޫކުތަކަށް އަޅުގަނޑުމެން އަމަލު ނުކުރާނަމަ، އިޚްތިރާމް ނުކުރާނަމަ އަޅުގަނޑުމެންގެ ގައުމަށް، ގައުމީ ދިދައަށް، ގައުމީ ބަހަށް އިޚްތިރާމްކުރާނީ ކޮންބައެއްތޯއެވެ.