• މިއީ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންވީ ވަގުތު
  • ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަވާނީ އެންމެން އެކުގައި މަސައްކަތްކޮށްގެން

ކޮވިޑް-19ގެ ސަބަބުން ދިރިއުޅުމުގެ މިނިވަންކަމަށް މިވަނީ ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައި ކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައި މިވަނީ މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ މިނިވަން ދުވަސް މިއަހަރު ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައި ކަމަށާއި މިކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް އަމަލު ކޮށްގެން ކަމަށެވެ. ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދު އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމުގައި ދެކޭ ކަމަށްވެސް އެމްއާރުއެމުން ނެރުނު ބަޔާނުގައި ވެއެވެ.

މިނިވަންދުވަސް އައި އިރު ރައްޔިތުންނަށް މިވަނީ، މިނިވަން ކަމާއެކު އެއްރަށުން އަނެއް ރަށް ދަތުރުކުރެވޭނެ ހާލަތާއި ގޮތް ނެތިފައި އެކަމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފަ. މިހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު."
އެމްއާރުއެމް

މިނިވަންކަން ހޯދުމަކީ އެކަމުގައި އެތައް ބަޔެއްގެ ބޮޑެތި ގުރުބާނީތަކަކާއި ހައްގުތައް ޝާމިލުވާ ކަމެއްކަމުން، މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މަސްއޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައި ކަމަށާއި އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަންޖެހޭ ކަމަށާއި އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީކަމަށް އެމްއާރުއެމުން ނެރުނު ބަޔާނުގައި ވެއެވެ.