މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ރާއްޖޭގެ ވެރިކަމުގެ އިންތިޒާމުގައި ވާދަވެރި ޕާޓީތައް މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ރައީސް ކުރެއްވި އިލްތިމާސަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުލަތުގެ އިހުލާސްތެރި ވާދަވެރިޔާ އާއި އޭނާގެ ކެބިނެޓުގެ ފާޑުކިޔުން މުހިއްމު ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވެއެވެ.
ރައީސް ނަޝީދު މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައި މިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބުކުރައްވައި ރައީސް ސޯލިހު ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައިވާ ވަގުތެއްގައެވެ. އެގޮތުން ރައީސް ވިދާޅުވެފައިވަނީ މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ. އަދި ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށްވާއިރު ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީވެސް ސުލްހައިގެ މަތީގައި ކަމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ގައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންދާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެން ކަމަށާއި ސިޔާސީ ވާދަވެރިންގެ ޚިޔާލާއި މަޝްވަރާއަށް މި ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.