• އިންޑިއާ ހައިކޮމިޝަނަރ، ހަސީނާއާ ބައްދަލުކުރަން އެދޭތާ 4 މަސް
  • ކުރިއަށްއޮތީ ގޮންޖެހުންބޮޑު ދަތިދުވަސްތަކެއް - މޯދީ

ބަނގްލަދޭޝްގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ، ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކުރައްވަން އެދިވަޑައިގަންނަވާތާ ހަތަރުމަސް ވެއްޖެއެވެ.

ބަނގްލަދޭޝްގެ މަޝްހޫރު ނޫހެއް ކަމަށްވާ ބޮރާރް ކަގޯޖްއިން ބުނެފައިވަނީ، އިންޑިއާގެ ހައި ކޮމިޝަނަރ ބައްދަލުކުރައްވަން ތަކުރާރުކޮށް އެދިވަޑައިގެންނެވުމުންވެސް ޝައިޚް ހަސީނާގެ ފަރާތްޕުޅުން އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ.

މިއީ، އިންޑިއާއާއި ބަނގްލަދޭޝްއާ ގުޅުން ހީނަރުވެފައިވާކަން ހާމަވާ އެތައްކަމެއްގެ ތެރެއިން އެންމެ ކަމެއްކަމަށް ނޫހުން ބުނެފައި ވެއެވެ.

ބަނގްލަދޭޝް ސަރުކާރުގެ އަމަލުތަކުން އެގައުމުގެ ސިޔާސަތު މިހާރު ހުރީ އިންޑިއާއާ ދުރުހެލިވެ، ޗައިނާ އަދި ޕާކިސްތާނާ ގާތް ގުޅުންތަކެއް ބޭއްވުމުގެ މައްޗަށް ކަމަށްވެސް ނޫހުން ބުނެފައި ވެއެވެ.

2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރަކަށް ނަރެންދުރަ މޯދީ އިންތިޚާބުވެވަޑައިގަތްފަހުން، ބަނގްލަދޭޝްގައި އިންޑިއާއިން ހިންގަމުންގެންދިޔަ އެތައް މަޝްރޫއެއްވަނީ މަޑުޖެހިފައެވެ.

އޭގެ ބަދަލުގައި ބަނގްލަދޭޝްގައި މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދަނީ ޗައިނާއިން ހިންގާ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައްކަން ފާހަގަކޮށްފައި ވެއެވެ.

"އިންޑިއާގެ ކަންބޮޑުވުންތައް ހުރި ނަމަވެސް ބަނގްލަދޭޝްއިންވަނީ ސިލްހެޓްގައި ހަދާ އެއަރޕޯޓު ޓާމިނަލްގެ މަސައްކަތް ޗައިނާ ކުންފުންޏަކަށް ދީފައި. ބޮޑުވަޒީރު ހަސީނާއާ ބައްދަލުކުރަން އިންޑިއާގެ ހައި ކޮމިޝަނަރ ރީވާ ގެންގޫލީ ދާސް އެޕޮއިންޓްމަންޓަކަށް އެދިވަޑައިގަންނަވާތާ 4 މަސްވެއްޖެ. ނަމަވެސް އެޕޮއިންޓްމަންޓެއް ލިބިވަޑައިނުގަންނަވާ. ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އިންޑިއާއިން ވެދިން އެހީތެރިކަމަށް އެންމެ ކުޑަމިނުން ބަނގްލަދޭޝްއިން ޝުކުރުވެސް އަދާނުކުރޭ"
ބަނގްލަދޭޝް ނޫހުގެ އެޑިޓޯރިއަލް

އިންޑިއާގެ ދަ ހިންދޫއިން ބުނެފައިވަނީ، ބަނގްލަދޭޝްއިން އިންޑިއާއާ ދުރުހެލިވާން ފަށާފައިމިވަނީ، މިފަހުން ޗައިނާ އަދި ޕާކިސްތާނާ ގާތް ގުޅުންތަކެއް ބާއްވަން ފެށިފަހުން ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ އިހަށްދުވަހު ފޯނުން ބަނގްލަދޭޝްގެ ބޮޑުވަޒީރަށް ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިފަހުން ބަނގްލަދޭޝްއަށް ވަޑައިގެންފައެއް ނުވެއެވެ. ފޯނުންވެސް ދެގައުމުގެ ވެރިން ވާހަކަފުޅެއް ނުދައްކަވައެވެ.

އިމްރާން ޚާން އެދުވަހު ވިދާޅުވެފައިވަނީ، ބަނގްލަދޭޝްއާއެކު ގާތް ގުޅުންތަކެއް ބޭއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.

މިއީ ވަރަށް ނާދިރުކަމެއްގެ ގޮތުގައި މީޑިއާއިން ފާހަގަކޮށްފައިވެސް ވެއެވެ.

އީރާނުންވެސް މިހާރުވަނީ އިންޑިއާއާ ދުރުހެލިވާން ފަށާފައެވެ.

އީރާނުން މިދިޔަ ހަފްތާގައިވަނީ، ޝަބާހަރް ޕޯޓް ރޭލު މަޝްރޫއު އިންޑިއާއާއެކު ކުރިއަށް ނުގެންދާން ނިންމާފައެވެ. މިއީ، ދެގައުމު ގުޅިގެން ކުރިއަށް ގެންދާން ކުރިން ނިންމާފައިވާ މަޝްރޫއެކެވެ.

ހަމައެއާއެކު، އީރާނުން އަލަށް ތަރައްގީކުރާ ގުދުރަތީ ގޭސްދަނޑު މަޝްރޫއުގެ މަސައްކަތުންވެސް އިންޑިއާގެ ކުންފުނިތައް ބޭރުކޮށް އެހެންގޮތެއް ހޯދަން އީރާނު ސަރުކާރުން ދާދިފަހުންވަނީ ނިންމާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނަނީ އީރާނުން ދެން މަޝްރޫއުތައް ކުރިއަށްގެންދާނީ ޗައިނާގެ ކުންފުނިތަކާ އެކުގައި ކަމަށެވެ.

އިންޑިއާއާއި، އެގައުމާ އަވަށްޓެރި ގައުމުތަކާ ގުޅުން ގޯސްވެ، މިފަހުން ހީނަރުވާން ފަށާފައިވެއެވެ. މައްސަލަޖެހިފައިވާ ކަންކަމުގެ ތެރޭގައި ސަރަހައްދީ އިންތަކުގެ މައްސަލަތައްވެސް ހިމެނެއެވެ.

މިކަންކަމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިހަށްދުވަހު ވިދާޅުވެފައިވަނީ، އިންޑިއާއަށް ދެން އުޅެވެންއޮތީ ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ. އިންޑިއާއަށް ކުރިއަށްއޮތީ ދަތި ދުވަސްތަކެއް ކަމަށެވެ.